ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ސާފު ކުރަން ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ފޮނުވައިފި އެވެ.
ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުން ލަސްވާން މެދުވެރިވާ ސަބަބުތައް މަޖިލީހުން ހޯދައި ދެނެގަތުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި އެވެ. އެ ކަމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ކޮމިޝަންތަކުންނާއި އިދާރާތަކުން ކުރަމުންދާ މަސައްކަތް ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފޮނުވާފައި ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށެވެ.
އެމްއެމްޕީއާރު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ހުކުމް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަންޏެވެ. އެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އެކަންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސް ޔާމީންގެ ވެރިކަމުގައި ހުކުމް ކުރި އެވެ. ނަމަވެސް މި ވެރިކަމުގައި މަތީ ކޯޓުތަކުން އެ ހުކުމްތައް ބާތިލު ކުރި އެވެ.
ފަހުން އަލުން އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާތަކެއް އުފުލި އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް ވެސް ވަނީ މެދުކެނޑިފަ އެވެ. ރައީސް ޔާމީންގެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެދުވެރިވި ފަހުން އެ ޝަރީއަތްތައް ވެސް އޮތީ މެދުކެނޑިފަ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ގިނަ ސިޔާސީ ބޭފުޅުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓިފައިވާތީ ރައީސް ނަޝީދު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ދާދި ފަހަކުން ނަޝީދު ވިދާޅުވެފައި ވަނީ ހަމައެކަނި ޔާމީން ޖަލުގައި ބެހެއްޓުމުގެ އިންސާފެއް ނުވިސްނޭ ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ ހުއްޓިފައި އޮތް އިރު އެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނާއި މަރުތައް ތަހުގީގު ކުރަން އުފެއްދި ކޮމިޝަންގެ މަަސައްކަތް ލަސްކަމުން ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.