އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ނުކުރާ ކަމަށާއި އެ ކޮމިޝަން ބޮޑު ތަނުން ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން ނަގާފައިވާ ޖޮއިންޓް ކޮމިޓީއަށް، އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ފަހުން ފޮނުވި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އާޒިމްގެ ނަން ވެސް ހިމަނާފައި ވަނިކޮށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް އެންމެ ފުރަތަމަ ފޮނުވި ލިސްޓްގައި އޮތީ 267 ނަމެކެވެ. ނަމަވެސް ފަހުން އެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓަށް 14 ބޭފުޅެއްގެ ނަން އިތުރުކޮށް ޖުމްލަ 281 ނަން ހިމަނާފައި ވެއެވެ. ފަހުން އިތުރުކުރި 14 ނަމުގެ ތެރޭގައި އަލީ އާޒިމްގެ ނަން ހިމަނާފައި ވެ އެވެ.
މިކަމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އޭނާގެ ނަން ހިމެނީ އޭނާގެ ނަން އޮތުމުން އެ ލިސްޓް ހާމަ ކުރަން މަޖިލީހަށް ނުކުރޭނެ ކަމަށް ބަލައިގެން ކަމަށެވެ.
"އަޅުގަނޑުމެން ރައީސް ނަޝީދު ވެސް، އަޅުގަނޑު ވެސް މިދަނީ އެ ލިސްޓް ހާމަ ކުރުމަށް ގޮވާލަމުން. ދަނިކޮށް ކޮމިޝަނުން ފަހުން ފޮނުވި ލިސްޓެއްގައި އަޅުގަނޑުގެ ނަން ހިމެނީ ދެން އެ ލިސްޓް ހާމަ ކުރަން ނުކެރޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެން އެ ލިސްޓް ހާމަ ކުރާނަން. މިގޮތަށް ކަންތައް ކުރީމާ އެބަ އެނގޭ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރަން ނޫޅޭކަން. އަޅުގަނޑު ބުނާނީ ހަމަ ފެއިލްވިއްޔޭ،" އެސެޓް ރިކަވަރީ ކޮމިޝަނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގެން އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެއްވެސް އިރަކު ލިބިވަޑައިގެންފައި ނުވާ ކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ. ލިސްޓްގައި އޭނާގެ ނަން ހިމެނިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީން ވެސް އޭނާއާ އަދި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައެއް ނުވެ އެވެ. އެހެންވެ ލިސްޓްގައި އޭނާގެ ނަން ހިމެނި ސަބަބަކާ މެދު އާޒިމް ސުވާލު އުފައްދަވަ އެވެ.
"އަޅުގަނޑު އާދޭސް މިކުރަނީ އަޅުގަނޑާ ސުވާލުކޮށް ބަލާށޭ އެ ބުނާ ތަހުގީގަކުން. އަޅުގަނޑު މިހުރީ އަންގާލީމާ ޖަވާބު ދޭން ތައްޔާރަށް. މަޖިލީހުގެ 241 ކޮމިޓީން އަޅުގަނޑު މިވަގުތަށް އެއް ފަރާތްވެސް ވެލީ ހިޔާނާތުގެ މައްސަލަ ކޮމިޓީން ބަލާތީ އަޅުގަނޑުގެ އެއްވެސް ނުފޫޒެއް އެކަމަށް އޮތް ކަމަށް ބުނަން ފުރުސަތު ނުދޭން ވެގެން. އިންޓަގްރިޓީ ހިފަހައްޓަން އަޅުގަނޑު ބޭނުން،" މެދު ހެންވޭރު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
އަޅުގަނޑަށް އޭނާ [އަސްއަދު] ރިޝްވަތު ހިފާ ވައްތަރު ވަރަށް ޖަހާ. ހަމަ ހަގީގަތުގައި ވެސް ވަރަށް ވައްތަރު ޖަހާ. އަޅުގަނޑުގެ ނަން ލިސްޓްގައި ހިމެނިއިރު އޭނާ މާރަނގަޅެއް ނޫންތޯ އަސްލަމް ޕްލޭނިން މިނިސްޓަރަކަށް ހުންނަވައިގެން އެ ކުރާ ކަންކަން ބެލިއްޔާ،އަލީ އާޒިމް | މަޖިލިސް މެންބަރު
އާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބެހީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ކަމަށެވެ. އަދީބް އަދިވެސް ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުންނެވި ކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ އޭނާ އަށް ހިޔާނާތުގެ އެއްވެސް ފައިސާއެއް ދީފައިވޭތޯ އަދީބާ ސުވާލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލައި ނިމުމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި ވެސް އާޒިމް ވިދާޅުވި އެވެ. އަދި އަސްއަދުގެ ބޭބެ، މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް އާޒިމް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފަ އެވެ.
"އަޅުގަނޑަށް އޭނާ [އަސްއަދު] ރިޝްވަތު ހިފާ ވައްތަރު ވަރަށް ޖަހާ. ހަމަ ހަގީގަތުގައި ވެސް ވަރަށް ވައްތަރު ޖަހާ. އަޅުގަނޑުގެ ނަން ލިސްޓްގައި ހިމެނިއިރު އޭނާ މާރަނގަޅެއް ނޫންތޯ އަސްލަމް ޕްލޭނިން މިނިސްޓަރަކަށް ހުންނަވައިގެން އެ ކުރާ ކަންކަން ބެލިއްޔާ،" އާޒިމް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދި ފަހުން ދެ އަހަރު ވެގެން ދިޔައިރު އެ ކޮމިޝަނުން އަދި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައެއް ނުވެ އެވެ. އެހެންވެ އެ ކޮމިޝަންގެ މަސައްކަތްތަކަށް މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމު ރައްޔިތުން ވެސް ގެންދަނީ ފާޑު ކިޔަމުންނެވެ.