އަލީ އާޒިމް

ކުރީގެ މައްސަލަތައް ލަސްކޮށް މިހާރުގެ މައްސަލަތަކަށް އިސްކަންދޭތީ ފާޑުކިޔައިފި

ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އޮވެ އެ ބެލުން އަވަސް ކުރުމުގެ ބަދަލުގައި މި ސަރުކާރާ ގުޅިގެން މީހަކު ދައްކާހާ ވާހަކަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ކޮމިޝަނަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް އާއި ފީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ މީގެ ކުރީގައި ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ދައުލަތަށް ލިބޭ ފައިސާ އާންމު ގޮތެއްގައި ބޭނުން ކޮށްފައި ވަނީ އޭރު ދައުލަތް ހިންގަން ތިބި ވެރިން "ވައްކަން ކުރުމަށްޓަކައި" ކަމަށެވެ.

އާޒިމް ވިދާޅުވީ، އޭސީސީގައި ކުރީގެ ސަރުކާރުން ވައްކަން ކުރި އެތައް މީހުންގެ މައްސަލަތައް އެބަ އޮތް ކަމަށެވެ. އެ ކޮމިޝަންގައި އެ މައްސަލަތައް އޮއްވާ އެއިން މައްސަލައެއް ބަލަން ޖެހޭ އަވަސް މިނުގައި ބަލަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އޮއްވާ، މަޖިލީހުގެ ތަޅުމުގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އޭސީސީއަށް ހާޒިރު ކުރަން އެންގުމުން އާޒިމް ވަނީ އެ ކަމަށް ފާޑުވިދާޅުވެފަ އެވެ. މަޖިލީހުގެ ތަޅުގައި މެންބަރަކު ދައްކާ ވާހަކައެއް އެއްވެސް މުއައްސަސާއަކަށް ނުބެލޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

"މިއަށްވުރެ މާ މުހިއްމު މި ރާއްޖެއަށް ވަންނަ ފައިސާ ވަގަށް ނެގި މީހުން، މިދިޔަ ސަރުކާރުގައި ވައްކަން ކުރި މީހުންގެ މައްސަލަތައް ބަލަން ފެށިއްޔާމުން. އެކަމަކު މި ސަރުކާރުގެ ވާހަކައެއް ކޮންމެ ވެސް މެންބަރަކު ދެއްކީމަ އެ ވާހަކައެއް ބެލޭތޯ ބަލާނެ. ކުރީގެ ސަރުކާރުގެ ކަންކަން ނުބެލޭ،" އާޒިމް ވިދާޅުވި އެވެ.

ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ދައުލަތުގެ ފައިސާ އިން ބޮޑެތި ހިޔާނާތްތައް ވެފައިވާ މީހުންގެ މައްސަލާގައި މިހާތަނަށް ވެސް ކޮމިޝަނަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް އާޒިމް ވިދާޅުވި އެވެ. މި ސަރުކާރާ ގުޅޭ ގޮތުން މީހަކު ދައްކާހާ ވާހަކައެއް ބަލަމުން ދާއިރު، ކުރީގެ ސަރުކާރުގެ މައްސަލަތައް ލަސްކުރަން އޭސީސީގެ މެންބަރުން އުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގައި މެންބަރަކު ދެއްކި ވާހަކައެއް ބެލުން އަވަސްކޮށް، އޭގެ ބަދަލުގައި މީގެ ކުރިން ވައްކަން ކުރި މީހުންގެ ކަންކަން ފޮރުވުމަށްޓަކައި އެ ކަންކަން ލަސް ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަސައްކަތް ކުރަމުންދާ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން." އާޒިމް ވިދާޅުވި އެވެ.