އޭސީސީ

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި ފަށައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ފަށައިފި އެވެ.

އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިމަހުގެ ނުވަވަނަ ދުވަހު އޮތީ ނިންމާފަ އެވެ. އަދި އެ ނިންމުމާމެދު ގޮތެއް ނިންމުމަށް ދައުރުން ބޭރުން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފަ އެވެ.

މި ޖަލްސާ މިއަދު ފެށުނުތަނާ އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލް އިސްތިއުފާ ދެއްވި ކަން އަންގާ ރައީސް އޮފީހުން ފޮނުވި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވާފަ އެވެ. އެހެންކަމުން އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓްގައި އޭސީސީގައި ހުރި ގިނަ މައްސަަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނުނިމި ހުރުމާއި އަދި މައްސަލަތައް ނިންމުމަށް ފަހު ދައުވާކުރަން ވެސް ގިނަ ދުވަސް ވުން ހިމެނެ އެވެ. އެގޮތުން ކޮރަޕްޝަންގެ ކުށް އެކުލެވިގެން ނުވާ މައްސަލަތަކުގެ 61 ޕަސެންޓް ނިމިފައިވާ އިރު ދައުވާ ކުރަން ފޮނުވީ އެންމެ އިންސައްތައެއްގެ މަސައްކަތް ކަމަށް ބުނެފައި ވެއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ފުނިޖެހިފައިވާ އިރުވެސް ދައުލަތަށް ނަގައިދެވިފައިވަނީ އެންމެ 11،000 ރުފިޔާ ކަމަށް ރިޕޯޓްގައިވެ އެވެ.

އޭސީސީގެ މެންބަރުން އެކި ފަހަރު މަތިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް، އެ ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ވިދާޅުވެ ކޮމިޓީގެ މެންބަރުން ވަނީ މީގެކުރިން ކޮމިޓީގައި އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭގެންވެސް ނަތީޖާއެއް ނުނިކުތް ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.

މިނިވަން މުވައްސަސާތަކުގެ ރިޕޯޓް މިއަދު މިއަދު މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ ރިޕޯޓާ ގުޅޭގޮތުން މެމްބަރުންނަށް ތިން ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހު މި މައްސަލައިގައި ގޮތެއް ނިންމާނެ އެވެ.