އޭސީސީ

ކުރީގެ މައްސަލަތައް ލަސްވާތީ އޭސީސީއަށް ޕްރެޝަރު ބޮޑުވަނީ

Oct 14, 2020
3

ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަދަ މައްސަލަތައް ލަސްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ތުހުމަތުތަކާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކުރިމަތިވެފައިވާ ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ނުބަލައި، މި ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ބަލާ ކަމަށް ބުނެ، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އޭސީސީގެ މެންބަރުންނަށް ބޮޑެތި ފާޑުކިއުންތައް ވެސް މިއަދު ވަނީ އަމާޒު ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ދައުވާ ކުރަން ފޮނުވާފައި ވާއިރު، އެކަމާ ގުޅިގެން އޭސީސީގެ މެންބަރުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

ވެންޓިލޭޓަރު މައްސަލަ ލަސްވާތީ ކޮމިޓީއަށް ހާޒިރު ވާން ނޯޓިސް ފޮނުވި ފަހުން ރޭގެ ވަގުތެއްގައި ދައުވާ ކުރަން ފޮނުވީ، އެ މައްސަލަ ކޮމިޓީއަށް ހާޒިރުވުމުގެ ނިންމުމަށް ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިއަދު އިއުތިރާފުވެ ވަޑައިގެންނެވި އެވެ.

އެ މައްސަލަ ނިމިފައި އޮތުމުން، ކޮމިޓީގެ މެންބަރުންގެ ސުވާލުތައް ދެން އެނބުރިގެން ދިއައީ ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށެވެ.

ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްގައި ދައުވާ ކުރުން ލަސްވުމާ ގުޅިގެން، ގާތްގަނޑަކަށް ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވައި، ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފަ އެވެ.

ބޮޑު ހިޔާނާތުގެ ތަހުގީގު ނިމޭނެ ތާރީހެއް ނުދިން

ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމޭނެ ސީދާ ތާރީހެއް ދިނުމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ މިއަދު އެދިވަޑައިގެންނެވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ދެއްވަމުން ޝިއުނާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ކަމަށެވެ. އެހާ ގިނަ މައްސަލަތައް ތަހުގީގުކޮށް ނިންމޭނެ ވަކި ތާރީހެއް ދެއްވަން ދަތި ކަމަށެވެ.

އަހުމަދު އަބްދުﷲ އެ ސުވާލު ތަކުރާރު ކުރެއްވުމުން، ޝިއުނާ ވިދާޅުވީ އެ ތަހުގީގު މިހާރު ކުރިއަށް ދަނީ އޭސީސީގެ އިތުރުން ފުލުހުންނާއި، ހިޔާނާތް ބަލާ ރިޔާސީ ކޮމިޝަން ފަދަ ގިނަ މުއައްސަސާތަކެއް ގުޅިގެން ކަމަށެވެ.

"މި ވަގުތަށް، އެމްއެމްޕީއާރުސީގެ މުޅި މައްސަލަ، ނޫނީ އޭގައި ހިމެނޭ ވަކި މައްސަލައެއް ވިޔަސް، ނިންމޭނެ ވަކި ޑެޑްލައިނެއް ދޭން ހަމަ ދަތި،" ޝިއުނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ހިޔާނާތާ ގުޅިގެން އެންމެ އިސްކަމެއް ދީގެން 30 ފަރާތެއްގެ މައްސަލަ ބަލަމުންދާ ކަން އޭނާ މިއަދު ހާމަކުރެއްވި އެވެ.

ހަމަހަމަކަން ދައްކަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު

އޭސީސީން މަސައްކަތް ކުރަނީ ވަކި އަތަކަށް ނުޖެހި، ހަމަ ހަމަކަމާ އެކުކަން ދެއްކުމަށް، ވަކި ތަރުތީބަކަށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ސުވާލު ކުރެއްވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ މައްސަލައެއް ފޮނުވެނީ މި ސަރުކާރުގެ މައްސަލައަކާ އެކީގައި ކަމަށް ބުނެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.

މިސާލެއްގެ ގޮތުން އުޝާމް ވިދާޅުވީ މާލެ މޭޔަރު ޝިފާ މުހައްމަދަށް ދައުވާ ކުރަން ފޮނުވާފައިވަނީ، ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި މުހައްމަދު މުނައްވަރުގެ މައްސަލައާ އެކީގައި ކަމަށެވެ. އަދި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ މައްސަލަ ފޮނުވުމުގެ ކުރިން ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރަށް ދައުވާ ކުރަން ފޮނުވި ކަމަށެވެ.

އެއާ ގުޅިގެން ޝިއުނާ ވިދާޅުވީ އެއީ އިއްތިފާގެއް ކަމަށާއި، ދައުވާ ކުރަން މައްސަލަތައް ފޮނުވަނީ ތަހުގީގު ނިމި، ދައުވާ ކުރެވޭ ވަރަށް ހެކި ލިބުމުން ކަމަށެވެ. ވަކި ސަރުކާރެއްގެ މައްސަލައަކަށް ކޮމިޝަނުން އިސްކަން ދީގެން ނުބަލާނެ ކަމަށެވެ.

ވަސީލަތްތައް ނެތުމުގެ ބަހަނާ

މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޝިއުނާ ވިދާޅުވީ މި ވަގުތު ކޮމިޝަނުގައި ގިނަ މައްސަލަތަކެއް ހުރި އިރު، އެ މައްސަލަތައް ތަހުގީގު ކުރަން އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތް ކަމަށެވެ. އެގޮތުން، މިހާރުގެ މެންބަރުން ކޮމިޝަނާ ހަވާލުވިއިރު، ތަހުގީގު ކުރެވެމުންދާ 500 އަށް ވުރެ ގިނަ މައްސަލަތައް ހުރި ކަމަށާއި، އޭގެ ތެރޭގައި 2010 ވަނަ އަހަރުގެ މައްސަލަތައް ހުރިކަން ވެސް ފާހަގަކުރެއްވި އެވެ.

އަދި އެ ފަދަ ގިނަ މައްސަލަތަކުގެ މުއާލާތް ކެނޑިފައިވާއިރު، ތަހުގީގު ނިންމަން ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވެސް އޭސީސީގެ މެންބަރުން މިއަދު ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ އޭސީސީއަށް ވަޑައިގެންނެވީ ރަނގަޅު ތަސައްވުރަކާއެކީގައި ކަމަށާއި، ނަމަވެސް، އެ ކޮމިޝަނުގައި ހުރި ގޮންޖެހުންތައް އެނގިވަޑައިގަތީ މަގާމާ ހަވާލުވުމުން ކަމަށެވެ.

އަދި ވަކި މައްސަލަތަކެއް ބަލާކަމުގެ ތުހުމަތުތަކާ ގުޅިގެން، އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ތަރުތީބު ކުރެވޭނެ ހާއްސަ އުސޫލެއް މިހާރު އެކުލަވާލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.