ހަބަރު

އޭސީސީން މައްސަލަ ތަރުތީބު ކުރާނެ އުސޫލެއް ހަދައިފި

Oct 14, 2020

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ ބޮޑެތި މައްސަލަތައް ނުބަލައިކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަރުތީބު ކުރާނެ އުސޫލެއް އެކުލަވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ދައުވާ ކުރަން ފޮނުވާފައި ވާއިރު، އެކަމާ ގުޅިގެން އޭސީސީގެ މެންބަރުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ނުބަލައި، މި ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ބަލާ ކަމަށް ބުނެ، އޭސީސީގެ މެންބަރުންނަށް ބޮޑެތި ފާޑުކިއުންތައް މިއަދު ވެސް ވަނީ އަމާޒު ކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މައްސަލަތައް ބެލުމުގައި ވަކި މައްސަލަތަކަކަށް އިސްކަން ނުދިން ނަމަވެސް، އެ ގޮތަށް ތުހުމަތު ކުރުމުގެ ޖާގަ ދެއްވަން ބޭނުންނުވާ ކަމަށެވެ.

މި ގޮތުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަރުތީބު ކުރާނެ ޑްރާފްޓް އުސޫލެއް މިހާރު އެކުލަވާލެވިފައިވާކަމަށް ޝިއުނާ ވިދާޅުވި އެވެ.

"މައްސަލަތައް ޕްރަޔޯރަޓައިޒް ކުރާއިރު އަޅުގަނޑުމެން ބަލާ ކަންތައްތަކެއް އެބަހުރި. މިސާލަކަށް ކޭސްތައް ބަލާއިރު އެ ކޭސްތައް ކިހާވަރަކަށްތޯ ތަހުގީގު ވެފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޝިއުނާ ވިދާޅުވީ މި ވަގުތު ކޮމިޝަނުގައި ގިނަ މައްސަލަތަކެއް ހުރި އިރު، އެ މައްސަލަތައް ތަހުގީގު ކުރަން އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތް ކަމަށެވެ. އެގޮތުން، މިހާރުގެ މެންބަރުން ކޮމިޝަނާ ހަވާލުވިއިރު، ތަހުގީގު ކުރެވެމުންދާ 500 އަށް ވުރެ ގިނަ މައްސަލަތައް ހުރި ކަމަށާއި، އޭގެ ތެރޭގައި 2010 ވަނަ އަހަރުގެ މައްސަލަތައް ހުރިކަން ވެސް ފާހަގަކުރެއްވި އެވެ.

އަދި އެ ފަދަ ގިނަ މައްސަލަތަކުގެ މުއާލާތް ކެނޑިފައިވާއިރު، ތަހުގީގު ނިންމަން ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވެސް އޭސީސީގެ މެންބަރުން މިއަދު ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ އޭސީސީއަށް ވަޑައިގެންނެވީ ރަނގަޅު ތަސައްވުރަކާއެކީގައި ކަމަށާއި، ނަމަވެސް، އެ ކޮމިޝަނުގައި ހުރި ގޮންޖެހުންތައް އެނގިވަޑައިގަތީ މަގާމާ ހަވާލުވުމުން ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުންނަށް ކުރެވޭ އިތުބާރު ގެއްލިފައިވާކަމަށް ބައެއް މެންބަރުން ވިދާޅުވިއިރު، ކޮމިޝަނަށް ބަދަލު ގެންނަންޖެހިދާނެކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.