ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްކުރަން ބޭނުންވާ ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެބަ ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައިވެރިންގެ ނަންތަކުގެ ލިސްޓް ހާމަ ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދެއްކެވި ވާހަކަތަކުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ގިނަ ބަޔަކު ނަގާފައި ތިއްބެވި ކަން އެނގިގެން ގޮސްފި ކަމަށެވެ.
އިލްޔާސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ލަސްކުރުމަށް އޭގައި ތުހުމަތު ކުރެވޭ ބައެއް މީހުން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ފުލުހުންނާއި އޭސީސީގެ ތެރޭގައި ވެސް ތަހުގީގު ލަސް ކުރުމަށް މަސައްކަތް ކުރާ ބަޔަކު ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެއީ އޭސީސީގައި މިހާރު ތިއްބެވި މެންބަރުންނެއް ނޫނެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ އޭސީސީގެ ތެރޭގައި ތިބި ބައެއް ބޭފުޅުން މި މައްސަލަ ލަސް ކުރުމަށް މަސައްކަތް ކުރައްވާ ވާހަކަ، ފުލުސް އޮފީހުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެބަ ތިބި އެ ތަހުގީގު ލަސްކޮށް އެހެން މިސްރާބަށް އެ ގެންދަން ބޭނުންވާ ބަޔަކު، މި ދައްކަނީ ކޮމިޝަންގައި މިހާރު ތިބި މެންބަރުންގެ ވާހަކައެއް ނޫން،" އިލްޔާސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އެންމެންގެ މައްސަލަތައް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އޭސީސީއާއި ފުލުސް އޮފީހަށް އޭނާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަތައް ބެލުމަށް އޭސީސީގެ މެންބަރުންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެއްބާރުލުން މަޖިލީހުން ދޭނެ ކަމަށެވެ.
"އެއީ މިހާރުގެ ވަޒީރަކަށް ވިޔަސް، ކުރީގެ ވަޒީރަކަސް، ކުރީގެ ރައީސަކަށް ވިޔަސް، މަޖިލިހުގެ މެމްބަރަކަށް ވިޔަސް، ކުރީގެ މެމްބަރަކަށް ވިޔަސް ކުރީގެ ފަނޑިޔާރެއް ވިޔަސް، މިހާރުގެ ފަނޑިޔާރެއްގެ މައްސަލަ ވިޔަސް މިހާރުން މިހާރަށް ބަލައި ތަހުގީގުކޮށް އަވަސް ކުރައްވާ، މި މަޖިލީހުގެ އެއްބާރުލުން ލިބޭނެ،" އިލްޔާސް ވިދާޅުވި އެވެ.