ހަބަރު

ހިޔާނާތާއި މަރުގެ ތަހުގީގުތައް ބަލަން ކުޑަ ކޮމިޓީއަކާ ހަވާލުކޮށްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ބެލުމަށް ޓަކައި އެކުލަވާލި ޖޮއިންޓް ކޮމިޓީގެ ތެރެއިން ކުޑަ ކޮމިޓީއެއް ނަގައި އެ ކޮމިޓީއަށް އެ މަސައްކަތް ހަވާލު ކުރުމަށް ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުން ލަސްވާން މެދުވެރިވާ ސަބަބުތައް މަޖިލީހުން ހޯދައި ދެނެގަތުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ. އެ މައްސަލަ ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ފޮނުއްވީ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީއަށެވެ.

ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހު ދެ ކޮމިޓީގެ މުގައްރިރުން މަޝްވަރާ ކުރެއްވި އެވެ. އޭގެ ފަހުން އެ ދެ ކޮމިޓީން ވެސް ނިންމާފައި ވަނީ ޖުޑިޝަރީ ކޮމިޓީ އާއި 241 ކޮމިޓީ އެއްކޮށްލައިގެން ޖޮއިިންޓް ކޮމިޓީއެއް އެކުލަވާލުމަށެވެ.

މިއަދު ބޭއްވި ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި އެ މަސައްކަތް އަވަސް ކުރުމަށް ޓަކައި ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނަގައި އެ ކޮމިޓީއަށް މަސައްކަތް ހަވާލު ކުރަން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެވެ.

އީވާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވުމަށް ފަހު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވީ ޖޮއިންޓް ކޮމިޓީގެ ތެރެއިން ނަގާ ކުޑަ ކޮމިޓީއަކީ ފަސް މެންބަރުންގެ ކޮމިޓީއަކަށް ވުމަށެވެ. އިލްޔާސްގެ އެ ހުށަހެޅުއްވުމަށް އީވާ ތާއީދު ކުރެއްވި އެވެ.

ކޮމިޓީގައި ތިއްބަވާނެ ފަސް މެންބަރުންގެ ގޮތުގައި ނިންމީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ އިތުރުން މައްސަލަ ހުށަހެޅުއްވި މެންބަރު އިބްރާހިމް މުއިއްޒެވެ.

ޖޮއިންޓް ސަބް ކޮމިޓީގެ ތެރެއިން ނެގި ކުޑަ ކޮމިޓީގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންނެވެ. މެންބަރު ސައުދަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އަމިއްލަ މެންބަރެކެވެ. ކުޑަ ކޮމިޓީއާ މަސައްކަތް ހަވާލު ކުރީ ޖޫން 18 އަށް ނިންމާ ގޮތަށެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެހެން ސިޔާސީ ޕާޓީއަކަށް ފުރުސަތު ދިނުމުގެ ގޮތުން ތިމަރަފުށި ދާއިރާގެ ޖޭޕީގެ މެންބަރު އަބްދުﷲ ރިޔާޒާ މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް ކުޑަ ކޮމިޓީގައި ހިމެނުމަށް ރިޔާޒު ތަނާޒުލްވެވަޑައިގެންނެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޖޮއިންޓް ކޮމިޓީގެ މުގައްރިރަކަށް މެންބަރު އިންތި ހަމަޖެއްސި އެވެ. ނައިބު މުގައްރިރިކަށް ހަމަޖެއްސީ މެންބަރު އަލީ ނިޔާޒެވެ. ކުޑަ ކޮމިޓީގައި ވެސް މި ދެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. އެހެންވެ، ބެލެވޭ ގޮތުގައި ކުޑަ ކޮމިޓީގެ މުގަރިއްރާއި ނައިބު މުގައްރިރަކަށް ވެސް ވާނީ މި ދެ ބޭފުޅުންނެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ ހުއްޓިފައި އޮތް އިރު އެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނާއި މަރުތައް ތަހުގީގު ކުރަން އުފެއްދި ކޮމިޝަންގެ މަަސައްކަތް ލަސްކަމުން ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

އެމްއެމްޕީއާރު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ހުކުމް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަންޏެވެ. ދެން އެ މައްސަލާގައި ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް ދަށު ކޯޓުން ކުރި ހުކުމްތައް މަތީ ކޯޓުތަކުން ވަނީ ބާތިލުކޮށްފަ އެވެ.

ފަހުން އަލުން އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާތަކެއް އުފުލި އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް ވެސް ވަނީ މެދުކެނޑިފަ އެވެ. ރައީސް ޔާމީންގެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެދުވެރިވި ފަހުން އެ ޝަރީއަތްތައް ވެސް އޮތީ މެދުކެނޑިފަ އެވެ.