އަލީ އާޒިމް

ރިޔާސީ ކޮމިޝަންތަކެއް ބޭނުމެއް ނުވޭ: އާޒިމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ދެ ކޮމިޝަން ކަމަށްވާ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން އުފެއްދި ކޮމިޝަންތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ އާޒިމް ވިދާޅުވީ، ރިޔާސީ ދެ ކޮމިޝަން އުފައްދަން ޖެހުނީ ނިމިދިޔަ ސަރުކާތުން ހުދު މުހުތާރުކޮށް މަޖިލިސް ގެންދަވާ، ސަރުކާރު ހިންގި ގޮތުގެ ސަބަބުން ކަމަށެވެ. އިތުރަށް ވިދާޅުވީ، ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދޭން ނިންމި ނަމަވެސް، އެ ކޮމިޝަންތަކުން މީހުން ހައްޔަރު ކުރުން އޭނާ ބަލައި ނުގަންނާނެ ކަމަށެވެ.

ކޮމިޝަންތަކާއި އެއްވަރަށް މިނިވަން މުއައްސަސާތައް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ވޭތުވެދިޔަ ސަރުކާރުގެ މުއައްސަސާތުގެ ވެރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރުއްސަން ވެގެން ކޮންމެ ކަމެއް ވެސް ނިންމީ ރައީސް ޔާމީންގެ ލަފައަށް ކަމަށެވެ.

މިނިވަން މުއައްސަސާތައް ރަނގަޅަށް މަސައްކަތް ކުރިނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކޮމިޝަންތައް އުފައްދަވަން ނުޖެހޭނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. އަދި މިހާރު ކޮމިޝަންތަކަށް ގާނޫނީ ބާރު ދިން ނަމަވެސް، އެ ކޮމިޝަންތަށް ސިޔާސީ ނުފޫޒުން މިނިވަން ނުވާނަމަ ކުރާނެ ފައިދާ އެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.