ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެދި ހުށަހެޅި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި ދިނުމަށް އެދި އެމްޑީޕީން ހުށަހަޅާފައިވާއިރު، ދައުރުން ބޭރުގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ކޮމިޓީން ކުރަމުން ދަނީ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލާވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތެވެ.

ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަަދު ނަޝީދު ވެސް ވަނީ ގައުމުގައި ކުއްލި މައްސަލައެއް ދިމާވެއްޖެނަމަ ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ހައްދުފަހަނައަޅާފައިވާ މީހުންނާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހުތަކެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ އެ ކަމަށްޓަކަ އެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ބޮޑު އޮޕަރޭޝަނެއް މާލެ ސަރަހައްދުގައާއި އައްޑޫ ސިޓީގައި ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން ރިލްވާންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މީހުންގެ ގެތައް ވަނީ ބަލައި ފާސްކޮށްފަ އެވެ.