ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ މަސައްކަތް ކުރަން ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ދައުރުން ބޭރުގައި އިތުރު ޖަލްސާތައް ބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީސް ޗުއްޓީގައި ވަނިކޮށް، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި ދިނުމަށް އެދި އެމްޑީޕީގެ 29 މެންބަރަކު ވަނީ ހުށަހަޅުއްވާފަ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މެންބަރުންގެ އަދަދަށް މެންބަރުން އެ ގޮތަށް އެދި ހުށަހެޅުމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުުގައިވާ ގޮތުން މަޖިލީހަށް ހުށަހެޅޭ ބިލުގެ ފުރަތަމަ ކިއުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ކުރުމުގެ ކުރިން ހަތް ދުވަސް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވައިގެން ތިން ދުވަސް ތެރޭގައި އިބްތިދާއީ ބަހުސް ފެށުމުގެ ފުރުސަތު ގަވާއިދުގައި އޮންނަކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ދެން ޖަލްސާއެއް ބޭއްވޭނެ ދުވަސް ހަގީގަތުގައި ކަނޑައެޅޭނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެއްބަސްވުމާ އެކުގައި. ތިން ދުވަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވޭނަމަ އެއީ 16 ސެޕްޓެމްބަރު، ނުވަތަ އާންމު އުސޫލުން އޮންނަ ގޮތުގެ މަތިން ހަތް ދުވަސް ފަހުން ބޭއްވޭނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ. ފުރަތަމަ ކިއުން އިއްވުމުގެ ކުރިން ދައުރުން ބޭރުގައި އެ ޖަލްސާ ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަހުސް ކުރައްވަން ނަޝީދު އެއް ގަޑިއިރުގެ ފުރުސަތަކަށް ހުޅުވައިލި އެވެ.
ނަޝީދު އެ ގޮތަށް ހުޅުވާލުމުން އިދިކޮޅު ބައެއް މެންބަރުން ވަނީ މަޖިލީހުގެ ވަގުތު ބޭކާރު ގޮތުގައި ހޭދަ ކުރެވޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެ ގޮތަށް ބަހުސްކޮށް ވަގުތުތައް ނަގައިލަން ގަވާއިދު ތަން ނުދޭ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ރިޔާސަތުން އަންގާ ކަންކަމުގެ ތެރެއިން އެ ގޮތަށް ކަމެއް ރިޔާސަތުން އެންގިދާނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިބްތިދާއީ ބަހުސް ކުރެވެން އޮންނަނީ ތިން ދުވަސް ނޫނީ ހަތް ދުވަހަށް ފަހުގަ އެވެ.
ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހަށް ހުށަހެޅިއިރު، ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން، ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ވަނީ ރިލްވާން ރަހީނުކޮށް މަރާލައިފަ އެވެ. އެ ރިޕޯޓްގައި ރާއްޖޭގައި ދީނީ ހަރުކަށި ދެ ފިކުރެއްގެ ޖަމާއަތަކަށް މީހުން ނަގައި އެ ޖަމާއަތްތަކުގެ ހަރަކާތްތައް ރާއްޖޭގައި ހިންގަމުންދާ ކަމަށް ފާހަގަކޮށްފައިވެ އެވެ.