ރަައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު މަޖިލީހަށް ނުފޮނުވާ، ލަހުން ފޮނުވުމުން، އެ ބިލު ފޮނުވުމުން ވެރިކަން ކުރާ މައި ޕާޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ފާޑު ވިދާޅުވެއްޖެ އެވެ.
ރިލްވާން ރިޕޯޓްގައި ދީނީ ހަރުކަށި ފިކުރުތަކުގެ ޖަމާއަތްތައް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުމަށް ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޯމަ ދުވަހު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވެ އެވެ. އެ ބިލުގެ ފުރަތަމަ ކިއުން އިއްވުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުން ވަނީ ދައުރުން ބޭރުގައި އެ ޖަލްސާ ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް މެންބަރުން ބަހުސް ކުރުމަށް އެއް ގަޑިއިރުގެ ވަގުތެއް ހުޅުވާލައިފަ އެވެ.
އެ ކަމަށް ބަހުސް ކުރައްވަމުން ހަސަން ލަތީފު ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ބިލުގެ މަސައްކަތްތައް ކުރުމަށް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުއްވީ އޭނާ ކަމަށެވެ. އެ ގޮތަށް ތާއީދު ކުރައްވައި ހުށަހެޅުއްވީ އެ ކަން ނުކޮށް ލަސް ވެއްޖެނަމަ ރައްޔިތުންގެ ހިތްހަމަނުޖެހުން މަޖިލިހަށް އޮންނާނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
"ގާނޫނަށް އިސްލާހުތަކެއް ފޮނުވީމާ ދެން މި މަޖިލީސް ޗުއްޓީގައި އޮވެ އެ ކަން ނުކޮށްފިނަމަ ދިވެހި ރައްޔިތުން ދެން މި މަޖިލީހަށް އިނގިލި ދިއްކުރަން ފަށާނެ، އަދި އެއް ނުފަށާ. މި ކަހަލަ ކުޑަކުޑަ ކަމެއްގެ ސަބަބުުން މަޖިލީހާއި މަޖިލީހުގެ މެންބަރުންގެ ބޮލުގައި އިލްޒާމްތަކެއް އެޅުމުގެ ފުރުސަތު ހަގީގަތުގައި ފަހިވެގެން ދާނެތީވެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އަޅުގަނޑު ތާއީދު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ މަސައްކަތް ކުރުމަށް ތާއީދު ކުރި ނަމަވެސް ބިލު ފޮނުވުމުގައި ސަރުކާރުން ވިސްނަން ޖެހޭ ބައެއް ކަންކަން ވިސްނާފައި ނެތް ކަމަށާއި އެ ކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް އެމްޑީޕީގެ ޗެއާޕާސަން، ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ބިލުގައި ސުވާލު އުފެދޭ އަދި ސާފު ނުވާ އެތައް ކަމެއް އެބަ ހުއްޓެވެ. އަދި އެ އިސްލާހުތަކުން ރިޔާސީ ކޮމިޝަންގެ ތަހުގީގަށް މަގުފަހި ވަނީ ކިހިނެއް ކަން ސަރުކާރުން ރައްޔިތުންނަށާއި މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެބަ ޖެހޭ ވަރަށް ތަފުސީލުކޮށް ބިލުގައިވާ ކަންކަން ކިޔައިދެން. މީގައި ވަރަށް ބައިވަރު ސުވާލުތައް އުފެދޭ ކަންކަން އެބަހުރި. ރައްޔިތުންނަށް މިހާ ބޮޑަށް އޮޅުން އަރާ ގޮތަކަށް މި ތަނުން ގާނޫނެއް ފާސްކޮށްފައި ދޫކޮށްލާކަށް އަޅުގަނޑު ބޭނުމެއް ނުވޭ." ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މިދިޔަ މެއި މަހުގެ ތެރޭގައި ރިލްވާންގެ މައްސަލާގައި ކޮމިޝަނުން ކުރި ތަހުގީގުގެ ޑްރާފްޓް ކޮޕީއެއް ސަރުކާރަށް ހުށަހަޅާފައިވާއިރު، އޭގެ ތިން މަސް ފަހުން މަޖިލިސް ވެސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ފެނިގެން ފޮނުވުން ކަންބޮޑުވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ބިލު ފޮނުވުމުގައި ލަސްނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޮނުވި ބިލަށް ބަހުސްކޮށް އެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަދި ރަނގަޅަށް ސަރުކާރުން މައުލޫމާތުތައް ދިނީމާއި ދެން އެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. ޗުއްޓީގައި އޮވެ ސަރުކާރަށް އެ ކަން ނުވާނެ ގޮތަކަށް ކަންކަން ވާކަށް އަޅުގަނޑު ނުއެއް އެދެން. އެ ކަމުގައި ސަރުކާރަށް އޮތް ހުރަހަކަށް މަޖިލިސް ނުވާނެ،" ހަސަން ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ބިލު ފޮނުވުން ލަސްކަމަށް ވިދާޅުވެ ހަސަން ހިތްހަމަނުޖެހުން ފާޅުކުރެއްވިއިރު، ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އަޑުފެތުރިފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދުގެ ބައެއް ނިންމެވުންތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ފާޑުވިދާޅުވެފަ އެވެ.