ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުމަށް އެމްޑީޕީން އެދިފައިވާ ޖަލްސާ މާދާމާ ހެނދުނު ބާއްވާ ގޮތަށް މަޖިލީހުގެ އިދާރާއިން ހަމަޖައްސައިފި އެވެ.
މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި ދިނުމަށް އެދި އެމްޑީޕީން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާއިން ދެންމެ ބުނީ އެމްޑީޕީން އެދިފައިވާ ހާއްސަ ޖަލްސާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ ބިލުގެ މަސައްކަތެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވާއިރު، ހައްދުފަހަނަ އަޅާފައިވާ މީހުންނަށް ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެންނެވެ.
ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގައުމުގައި ކުއްލި މައްސަލައެއް ދިމާވެއްޖެނަމަ ދައުރުން ބޭރުގައި ޖަސްލާއެއް ބާއްވަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުންނަށް ޗުއްޓީއެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ދައުރުން ބޭރުގައި އެ ކޮމިޓީން ވެސް ކުރަމުންދާ މަސައްކަތަކީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސާލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތެވެ.