އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގު ކުރިއަށްދާއިރު މި އަހަރު މެދުތެރޭގައި އެ މަރާ ގުޅޭ ތަފްސީލް ރިޕޯޓެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ދެއްވި ރިޔާސީ ބަޔާނުގައެވެ. ރައީސް ސޯލިހް ކުރީން ވަނީ ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގު ކުރިއަށްދާއިރު އެ މައްސަލައިގެ ތަފްސީލު ރިޕޯޓް މިދިޔަ އަހަރު ނިމުމުގެ ކުރީން ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހް ވިދާޅުވީ މަރުތަކަށް އިންސާފު ހޯދުމުގާ އުންމީދު ކުރި ވަރަށް ވުރެ މާބޮޑުތަން ލަސްވެއްޖެ ކަމަށާ އަދި އެކަމުގާ
ކުރަންޖެހޭ މަސައްކަތާ ފިލުވަންޖެހޭ އޮޅުން ބޮޑު ކަމަށެވެ. ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަ ކަމަށާ މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ބޭރުގެ ފައިނޭންޝަލް އެކްސްޕާޓެއްގެ އެހީގާ މާލީ މުއާމަލާތްތައް އެނަލައިޒްކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިއަހަރުގެ މެދުތެރޭގައި ތަހުގީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި،" ރައީސް ވިދާޅުވިއެވެ.
ދާދިފަހުން ޝަރުއީ ފުރަތަމަ މަރުހަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭގޮތުންވެސް ރައީސް ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގާ ކުށް ސާބިތުނުވި ހަތަރު މީހުންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށާފައިވާ ކަމަށެވެ.
"ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގާ އޮތުމުން ރިޔާސީ ކޮމިޝަނުން ތަހްގުގު ކުރުމަށް ކަނޑައަޅާފައިވާ ބައި ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފައި. އަދި އެމައްސަލައިގެ ތަހްގީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް އެބަ ގެންދޭ،" ރައީސް ވިދާޅުވިއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މި މަހުގެ 19 ވަނަ ދުވަހު އިއްވި ހުކުމްގައި ބުނެފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި ހުސައިން ޒިޔާދާއި އިސްމާއީލް ރަޝީދާއި ހަސަން ޝިފާޒާއި، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދައުލަތުން މި ހަތަރު މީހުންގެ މައްޗަށް އުފުލައިފައިވާ ގަސްދު މަރުގެ ދައުވާއާ މެދު ގާޒީ ވަނީ ސުވާލު އުފައްދައިފަ އެވެ. ސަބަބަކީ އެ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ވަރުގެ ހެއްކެއް ދައުލަތުން ހުށައަޅާފައި ނުވާތީ އެވެ.
ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.
ބޮޑު ހިޔާނާތުގެ ގާނޫނީ މަރުހަލާތައް ފަށަނީ
ދައުލަތުގެ މުދަލާ ފައިސާއަށް ހިޔާނާތްތެރިވުމާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގުތައް އެންމެ ބޮޑަށް ސީދާ ކުރެވުނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތަށް ކަމަށާ މިހާތަނަށް
ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށައެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.
"އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެމްބަރުން އަވަސް މުއްދަތެއްގައި
ކަނޑައަޅުއްވާ ދެއްވާނެ ކަމަށް. އެ ހިސާބުން ދެން އޮތް ބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލެވޭ އޭސީސީ އިން،" ރައީސް ވިދާޅުވިއެވެ.