މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރުތަކާއި ގުޅިގެން 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވޭ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މަރުތަކާއި ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އަހަރު ދުވަސް ފަހުން އެ ކޮމިޝަނުން މިއަދު ނޫސްވެރިންގެ ބައްދަލްވުމެއް ބޭއްވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން ކަމަަށް ބުނެއެވެ. ނަމަވެސް ރިލްވާންގެ މަރުގެ މައްސަލައާ ގުޅުންހުރި ވަޅިއަކާއި ގުޅޭ މައުލޫމާތު ނޫން އެހެން އިތުރު ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

ރިލްވާނަށް ބިރު ދައްކަން ގެންގުޅުނު ވަޅީގެ މައުލޫމާތު ހިއްސާކުރާ މީހަކަށް ފަސްލައްކަ ރުފިޔާ ދޭން ނިންމާފައިވާކަން ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ވަޅިއަކީ މުހިންމު ހެއްކެއް ކަމަށެވެ. އެ ވަޅި ބޭރަށް ފޮނުވައިގެން ތަހުލީލުތައް ކުރަމުންދާ ކަމަަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ހެދެން ހުރި ތަހުލީލުތައް ވަޅި ބޭރަށް ފޮނުވައިގެން މި ދަނީ ހަދަމުން. މި ތަހުލީލުތަކުގެ އަލީގައި ވަޅިއަކީ މިހާރު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި މުހިންމު ހެއްކަކަށް ވަނީ ވެފައި. ދެން މި ވަގުތު ވަޅިއާ ބެހޭ ގޮތުން އިތުރު ތަފްސީލް ހާމަކުރަން އަޅުގަނޑު އުޒުރުވެރިވަން،"

11 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުން

މިސްބާހު ވިދާޅުވީ ދެ އަހަރު ވެފައިވާ ރިޔާސީ ކޮމިޝަނުން 27 މައްސަލައެއް ބަލަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހިނގާދިޔަ މަރުގެ ބޮޑެތި މައްސަލަތައް ކަމަށްވާ މަޖިލީހުގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްުދުﷲ އަށް ވީނުވީއެއް ނޭންގި ގެއްލުނު މައްސަލަ އަދި އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މައްސަލަ ހިމެނެއެވެ.

މިސްބާހު ވިދާޅުވީ ބޮޑެތި މަރުތަކާއި ގުޅިގެން ކުރިއަށްދާ ތަހުގީގުގައި މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

"ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓްވާނީ ހިފަހައްޓާފައި،"

ތަހުގީގަށް ގިނަ ހުރަސްތަކެއް

މިސްބާހު ވިދާޅުވީ މަރުތަކުގެ އިންސާފަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަަސައްކަތަށް ހުރަސްތަކާއި ލިިމިޑްތަކެއް އެބަހުރި ކަމަށެވެ.

ކޮމިޝަނުން ބަލަމުންދާ 27 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތަކުގެ ތަހުގީގު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތަހުގީގު ނިންމާ ރައީސަށް ރިޕޯޓްތައް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިސްބާހު ވިދާޅުވީ އަފްރަޝީމްގެ މަރުގެ މައްސަލައާ ރިލްވާންގެ މަރުގެ މައްސަލައަކީ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލަތަކެއް ކަމުން އެއީ ގޮންޖެހުމެއް ކަމަށެވެ.

"މީގެ ތެރެއިން ކޮންމެ މައްސަލައަކީވެސް އަޅުގަނޑުމެންނާއި ހަމައަށް އައިއިރު ވަރަށް ގިނަ ދުވަސް ފާއިތުވެފައިވާ މައްސަލަތައް. މިސާލަކަށް ޑރ. އަފްރާސީމް އަލީގެ މައްސަލައާ ރިލްވާންގެ މައްސަލަ. ދެން ޔާމީން ރަޝީދުގެ މައްސަލައަކީ ވަރަށް ރީސެންޓް މައްސަލައަކަށްވީ ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އެބަ ކުރިއަށްދޭ. އެހެންވީމަ އަޅުގަނޑުމެނަށް ކުރެވޭ މަސައްކަތްތައް ވަރަށް ބޮޑަށް ލިމިޓްވެފައި ހުރީ ކޮންމެ މައްސަލައެއްގައިވެސް،" މިސްބާހު ވިދާޅުވިއެވެ.

މިސްބާހު މިއަދުވެސް ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރި ބައެއް ތަހުގީގު ރިޕޯޓްތައް މަޖިލީހުން އާންމުކުރުމުން ގޮންޖެހުން ކުރިމަތިވި ކަމަށެވެ. ނަމަވެސް އެ ކޮމިޝަންގެ އަމާޒަކީ އެކަމަށް ނުބަލާ އިންސާފަށް ވާސިލްވުން ކަމަށެވެ. އަދި ތަހުގީގަށް ހާޒިރުކުރަން ޖެހޭ މީހުން ހާޒިރުކޮށް ހޯދަންޖެހޭ ހެއްކެއް ހޯދުން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ފަހަށްދިޔަ ތަނެއް ނުބަލާ އަޅުގަނޑުމެންގެ މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުން،"