އިދިކޮޅު ފަރާތްތައް

އިންސާފު ނުލިބުމުގެ ޒިންމާއިން ނުރެކެވޭނެ: އިދިކޮޅު

މަރުތަކަށް އިންސާފު ހޯދައި ދިނުމުގެ ނަމުގައި 2.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަަރަދު ކޮށްފައިވާ ކަމަށާ މަރުތަކަށް އިންސާފު ނުލިބުމުގެ ޒިންމާއިން މި ސަރުކާރަށް ނުރެކެވޭނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައި ލެއްވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާތީ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ރައީސް މުހައަމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސަތުގައި އިންނަވާ މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މަރުތަައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ސިޓީއެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ބުނާ ގޮތުން އެ ކޮމިޝަނަށް ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަން އަންގާފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މިހާރު މަޖިލީހަށް ސިޓީއަކުން އަންގާފައިވޭ، އެ ބޭފުޅުންނަށް ދެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެއޭ. އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ރައްޔިތުންނަށްވީ ވައުދަކީ އިންސާފު ހޯދައި ދިނުމުގެ ވައުދު ކަމަށާ ނަމަވެސް އެ ވައުދު ވެސް ނުފުދި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އަދި އިންސާފު ހޯދުމުގެ ނަމުގައި ކޮމިޝަންތައް ހަދައިގެން 2.3 މިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށެވެ.

އިންސާފު ހޯދައިދޭންވީ ވައުދު ވެސް ފެއިލްވީ، ކޮމިޝަން ހަދައިގެން ކުރަނީ ބޮޑު އިސްރާފެއް. ނަތީޖާއެއް ނުފެނި، އިންސާފު ނުލިބުމުގެ ޒިންމާއަކުން ނުރެކެވޭނެ، ނަތީޖާ ނުނެރެވޭއިރު 2.3 މިލިއަނަށްވުރެ ބޮޑު ހަރަދެއް ކުރީ ކީއްވެގެންތޯ ޕީޕީއެމް / ޕީއެންސީގެ ސަރުކާރަކުން ބަލާނަން.
އާދަމް ޝަރީފު އުމަރު | ޕީއެންސީގެ ޕީޖީ ލީޑަރު

ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް އެންމެ ހަރު އަޑުން ދެއްކީ މަރުތަކަށް އިންސާފު ހޯދުމުގެ ވާހަކަ ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި މަރުތަކުގެ ހަގީގަތް ހާމަ ކޮށްދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށާ ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ އިސްތަށިފުޅުގައި އެތައް ކަމެއް އަޅުވާ ރައްޔިތުންނަށް ކަންކަން އޮޅުވާލީ އެމްޑީޕީން ކަމަށެވެ.

"އިންސާފުން ބޭރުން ރައީސް ޔާމީން ޖަލަށް ލެވުނީމަ މަރާލާފައިވާ އަދި ގެއްލުވާލާފައިވާ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ލިބުނީ ކަމަށް ރައީސް ސޯލިހް ނިންމެވީތޯ؟ ކޮބައިތޯ އިމްރާން ކޮނޑުހުޅުދާވަރަށް މޭޑޭގައި ހޫރުވި ހެއްކާއި ގަރީނާ؟ ކޮން ބައެއްތޯ މި ސުޕަ ސަރުކާރަށް ހުރަސް އެޅީ." ޝިޔާމް ސުވާލު އުފެއްދެވި އެވެ.

މަރު ކޮމިޝަނުގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ، އެ ކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ އެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް ދެނެގަތުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފަށާފައި ވަނިކޮށެވެ.

މަޖިިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ މަރުތަކަށް އިންސާފު ނުލިބިވަނީ ފުލުހުންގެ އިދާރާގެ އިހުމާލުން ކަމަށް ވިދާޅުވެ ފުލުސް އޮފީހަށް ފާޑު ވިދާޅުވެފަ އެވެ.