ރައީސް އޮފީސް

މަރުތައް ތަހުގީގުކުރާ ކޮމިޝަނާމެދު އަމަލުކުރާނެ ގޮތުގެ ލަފާ ހޯދަނީ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާމެދު އަމަލުކުރާނެ ގޮތުގެ ލަފައަކަށް ރައީސް އޮފީހުން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ މަގުސަދު ހާސިލުވާ ގޮތަށް ކޮމިޝަންގެ މަސައްކަތްތައް ކޮށްފައިނުވާ ކަމަށެވެ.

"އެ ކޮމިޝަނާމެދު އަމަލުކުރާނެ ގޮތުގެ ލަފައަކަށް އެޓާނީ ޖެނެރަލް އޮފީހުގައި އެދިފައިވާނީ. ކޮމިޝަނާމެދު ގޮތެއް ނިންމާނީ އޭޖީގެ ލަފައަށްފަހު،" އޮފިޝަލް ވިދާޅުވި އެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަން އުފެއްދީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.

އެ ކޮމިޝަނުން މިހާރުވެސް ބައެއް މައްސަލަތައް ތަހުގީގު ކުރަމުންދާއިރު ތިން މައްސަލައެއްގެ ރިޕޯޓު ވަނީ ރައީސް އޮފީހަށް ހުށަހަޅާފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގު ނިންމާ ވަނީ ރިޕޯޓް ހުށަހަޅާފަ އެވެ.