ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަމުން ދަނީ ފުލުހުން އެ ކަމުގައި އިހުމާލު ވަމުން ދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.
މަރުތަކުގެ އަޑި ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ތަހުގީގުތައް ފުރިހަމަ ކުރެވެން ނެތް ކަމަށް ބުނެ މަޖިލީހުގެ ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފަ އެވެ. ސަބަބެއްގެ ގޮތުގައި ކޮމިޝަނުން ބުނެފައި ވަނީ މަރުތަކުގެ ރިޕޯޓްތައް މަޖިލީހުގެ ތެރެއިން އާންމުވުމެވެ. ރިޕޯޓްގެ ގިނަ ބައިތައް އާންމު ކުރެއްވީ ނަޝީދެވެ. ރިޔާސަތުގައި އިންނަވައިގެން ރިޕޯޓްގައި ފާހަގަކޮށްފައިވާ އެކި ބޭފުޅުންގެ ނަންނަމާއި، ކުރެވޭ ތުހުމަތުތައް ނަޝީދު ވަނީ ވިދާޅު ވެދެއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން މިހާތަނަށް ފޮނުވާފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގުގެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރިޕޯޓާއި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ފުރަތަމަ ޑްރާފްޓް ރިޕޯޓްގެ ހުލާސާ ރިޕޯޓެކެވެ.
އަފްރާޝީލް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް މަޖިލީހުގެ 241 ކޮމިޓީން ރިޕޯޓެއްވެސް ތައްޔާރުކުރިއެވެ. އަދި މަޖިލީހުގެ ތަޅުމުގައި ރިޕޯޓަށް ބަހުސްކޮށް އެ ރިޕޯޓް ވަނީ ފާސްކޮށްފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުން ފާސްކުރި ރިޕޯޓްގައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި މަޖިލީހަށް ފެންނަ ފިޔަވަޅުތަކާއި އެ މައްސަލާގައި ދައުވާ ކުރަން ޖެހޭ ފަރާތްތަކުގެ ލިސްޓެއްވެސް ހިމަނާފައިވާނެއެވެ. އޭގެތެރޭގައި އެ އަމަލުގައި ބައިވެރިވި މީހުންނާއި ހަރަދުކުރި މީހުންނާއި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހިމެނޭ ކަމަށެވެ.
"މި މަޖިލީހުގެ ކޮމިޓީގެ ރިޕޯޓުގައި ބުނަނީ އަފްރާޝީމްގެ ރިޕޯޓްގައި ހުރި މިންވަރަށް ދައުވާ ކޮށްދިނުމަށް. އެއީ ކޮން ކޮން ފަރާތްތަކެއް ކަން ނަމާ އެކު [ކޮމިޓީ ރިޕޯޓްގައި] ބަޔާން ކޮށްދީފައިވޭ. ކޮމިޓީން ދެކޭ ގޮތުގައި ދައުވާ ކުރުން އެކަނި މިހާރު އޮތް ކަމަކީ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރިލްވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ފުރަތަމަ ޑްރާފްޓް ރިޕޯޓްގެ ހުލާސާ ރިޕޯޓެއް ދީފައިވާތީ، މުޅި ރިޕޯޓް ފޮނުވައިދޭން މަޖިލީހުން އެދިފައިވީ ނަމަވެސް މުޅި ރިޕޯޓް ފޮނުވާފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެކަމަކު އެ ހުލާސާ ރިޕޯޓްގައި ވެސް ދައުވާ ކުރެވޭ ވަރަށް އޮތް ކަމަށް ގަނޫނީ ބައެއް ވަކީލުން ލަފާ ދެއްވި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަތަކުގައި މިހާރު ކުރަން އޮތް ކަމަކީ ދައުވާ ކުރުން ކަމަށާއި ނަމަވެސް ފުލުސް އޮފީހުން މިހާތަނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަޕްގެ އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ. އިންސާފު ނުލިބި ލަސްވީ އެހެންވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތާމަ އާއެކީގައި ދަންނަވާލަން ޖެހޭނީ މި ދައުވާތައް ކުރެވިފައި ނެތީ ފުލުސް އޮފީހުގެ އިހުމާލުން. އަޅުގަނޑަށް ވަރަށް އުނދަގޫ ވަރިހަމަ ކޮށްގެން އިންނަން. އަޅުގަނޑު އަނެއްކާ ވެސް އެދެނީ މަރުތަކުގެ މައްސަލަތައް ނިންމާ ދެއްވާށޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅުނު ސަބަބަކީ މަޖިލީހުން ތަހުގީގު ރިޕޯޓް ދިރާސާކޮށް ރިޕޯޓެއް އާންމު ކުރުމުން ކަމުގައި ނުދެކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ދައުވާ އުފުލެން ހުރި މިންވަރަށް ދައުވާ އުފުލަން ޖެހޭ ކަމަށް ރައީސް ނަޝީދު އެތައް ފަހަރު ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، މަރުތަކަށް އިންސާފު ހޯދައިދިނުމަށް ހަމައެކަނި ޝަރުއީ ނިޒާމު އިސްލާހު ކުރުމުން ނުފުދޭ ކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. ފުލުހުންގެ ގާނޫނަށް އިސްލާހުތައް ގެނެސްގެން ފުލުހުންނާ އެކު، މުޅި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.