ހަބަރު

ތަހުގީގު ނުކުރެވޭނެ ކަމަށް ނާންގަން: ކޮމިޝަން

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާތީ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގު ކޮށްފި އެވެ.

ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބާއި އެކަމުގައި ހުރި ގޮންޖެހުންތައް މަޖިލީހުގެ އެދުމުގެ މަތިން ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދެން ނެތް ވާހަކަ ދަންނަވާފައިނުވާނެ ކަމަށެވެ.

"ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާ ވާހަކަ ދަންނަވަން،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

މަރު ކޮމިޝަނުން މިހެން ބުނެ ބަޔާން ނެރެން ޖެހުނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ގޮތުގައި، މަރުތަައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ސިޓީގައި ބުނާ ގޮތުން އެ ކޮމިޝަނަށް ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަން އަންގާފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މިހާރު މަޖިލީހަށް ސިޓީއަކުން އަންގާފައިވޭ، އެ ބޭފުޅުންނަށް ދެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެއޭ. އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމިޝަންގެ ސިޓީއާ ހަވާލާދީ ރައީސް ނަޝީދު ވިދާޅުވީ، ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ ހަމައެކަނި އަމަލީ ގޮތުން އެކަމުގައި ބައިވެރިވި ފަރާތަށް ދައުވާ ކުރެވޭ މިންވަރަށެވެ. އެ ކަން އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކާއި އެ ކަމަށް ހަރަދު ކުރި ފަރާތްތަކާއި އެ ކަން ސިއްރު ކުރި ފަރާތްތަކަށް ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވާ ކަމަށެވެ.

"މި މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އައި އެއް ކަމަކީ އެ ޑްރާފްޓް މި ތަނަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެގެންތޯ؟ ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ނުކުތީމައި ތަހުގީގަށް ހުރަސް އެޅުނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުއުޖިޒާތެއް ފަދަ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ތަހުގީގު ގޮސްފައިވާ ހިސާބުން ދައުވާ ކުރެވެން އޮތް ފަރާތްތަކަށް ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނުން ކުރާ ތަހުގީގާއި އޭގެ ކަންކަން ހާމަކުރުމާއި ޖިނާއީ ތަހުގީގާއި ދައުވާ އުފުލުމާއި ސީދާ ގުޅުމެއް އޮންނަ ގޮތަށް އެމަނިކުފާނު ދަންނަ ގައުމުތަކުގައި އަމަލު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ފުރަތަމަ ޑްރާފްޓް ކޮޕީ އެކުލަވާލައި ރައީސް ސޯލިހަށާއި މަޖިލީހަށް ފޮނުވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައަށެވެ. އެ ބޮޑު ދެ މަރު ގުޅިފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.

ނަމަވެސް އަފްރާޝީމް އަލީގެ ރިޕޯޓް އޭނާގެ އާއިލާއިން ވެސް ބަލައިގެންފައިނުވާއިރު އެ މަރުގެ ތަހުގީގު ފުރިހަމަ ކުރެވިފައނުވާ ކަމަށް ބުނެ ގިނަ ފާޑުކިއުންތައް ކޮމިޝަނަށް އަމާޒުވެސް ވެފައިވެ އެވެ. މި މަރުތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.