ބޮޑެތި މަރުގެ މައްސަލަތަކުގައި ޝާމިލްވާ މީހުން ހޯދައި ޝަރީއަތުގެ ކުރި މައްޗަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް މިހެން ވިދާޅުވިއިރު މަރުތައް ބަލާ ކޮމިޝަނަށް ދެން އިތުރަށް ތަހުގީގުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އެކަން ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ. ކޮމިޝަނުން އެފަދައިން އަންގާފައިނުވާނެ ކަމަށާއި ކޮމިޝަންގެ މައްސަލަތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. ރައީސް ސޯލިހު ވެސް މިއަދު ވަނީ އެކަން ތަކުރާރު ކުރައްވާފަ އެވެ.
ރައީސް ސޯލިހު ވަނީ ވަގަށް ނެގި ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައާ ގުޅިގެން މަޖިލީހަށް ކޮމިޝަނުން ފޮނުވި ސިޓީގައިވާ ކަންކަން ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ކޮމިޝަނުން ދަންނަވާފައިވަނީ އެ މައްސަލާގައި އެކުލަވާލި ވަގުތީ ރިޕޯޓް އާންމު ކުރުމުން މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުން ހެކި ބަސް ދޭން އިންކާރު ކުރަމުންދާ ކަމަށެވެ. އެ ރިޕޯޓް އާންމު ކުރެއްވީ ރައީސް ނަޝީދެވެ.
މީގެއިތުރުން އެ މައްސަލަތަކުގައި ތުހުމަތުވާ މީހުން ސިޔާސީ މީހުންނާއެކު ސިޔާސީ އިވެންޓްތަކުން ފެންނަމުންދާތީ ވެސް ކޮމިޝަންގެ މަސައްކަތްތަކާމެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ކޮމިޝަނަށް ދެން އިތުރަށް މެންބަރުން ހޮވައި އަލުން މަސައްކަތްތައް ފެށުމުގެ ވިސްނުމެއް ނެތް ކަމަށެވެ. މިހާރު ވެސް ކުރިއަށްދާ ގޮތުން މަރުތަކުގެ ހަގީގަތް ހޯދާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ފުރަތަމަ ޑްރާފްޓް ކޮޕީ އެކުލަވާލައި ރައީސް ސޯލިހަށާއި މަޖިލީހަށް ފޮނުވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައަށެވެ. އެ ބޮޑު ދެ މަރު ގުޅިފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.
ނަމަވެސް އަފްރާޝީމް އަލީގެ ރިޕޯޓް އޭނާގެ އާއިލާއިން ވެސް ބަލައިގެންފައިނުވާއިރު އެ މަރުގެ ތަހުގީގު ފުރިހަމަ ކުރެވިފައނުވާ ކަމަށް ބުނެ ގިނަ ފާޑުކިއުންތައް ކޮމިޝަނަށް އަމާޒުވެސް ވެފައިވެ އެވެ. މި މަރުތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.