ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގުތަކަށްފަހު ދެ މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ރިޔާސީ ކޮމިޝަނުން ދައުވާކޮށް ދިނުމަށް އެދިފައި ވަނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ކޮމިޝަނުން ބުނާ ގޮތުގައި އެ ދެ މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ ދެ މީހުންނެވެ.
މި ދެ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައިވަނީ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރާ ގުޅޭ ގޮތުން ހިންގި ތަހުގީގުން ލިބުނު ހެކިތަކުގެ މައްޗަށް ބަލަ އެވެ.
މަރުތަކާ ގުޅޭ ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި މަޒީދާއި ސާމިތަކީ ހަރުކަށި ފިކުރު ފަތުރައި އެކަމަށް ފަންޑު ކުރާ ދެ މީހުންނެވެ.
މިއީ ރިޔާސީ ކޮމިޝަނުން ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި ފުރަތަމަ މައްސަލަ އެވެ.