ހަބަރު

ސިފައިން މާލޭގައި ހަތިޔާރާއެކު އޮޕަރޭޝަނަކަށް

މިރޭ މާލޭގެ މަގުތަކުގައި ހަތިޔާރާއެކު ސިފައިން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނުކުތްއިރު، ފުލުހުން ވަނީ ބަލާ ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. އެ އޮޕަރޭޝަނަކީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ހިމެނޭ ބައެއް މީހުންނާ ގުޅޭ ތަންތަން ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި މިރޭ މާލޭގެ ހަތަރު ތަނަކާއި އައްޑޫގެ ދެ ތަނެއް ފާސްކޮށްފައިވެ އެވެ. އަދި ޖުމްލަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ނަމަވެސް އެމީހުން ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ވެސް ވަނީ މާލެ އާއި އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ރިލްވާންގެ މައްސަލާގައި އަޅުއްވާ ފިޔަވަޅުތައް ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހައްދުފަހަނައަޅާ މީހުންނާ ދެކޮޅަށް އަޅުއްވާ ފިޔަވަޅުތައް މިއަދުން މިއަދަށް ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ހައްޔަރުކުރަން ޖެހުނު ކޮންމެ މީހަކު ހައްޔަރު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އިއްޔެ ރައީސް ސޯލިހު ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ވެސް ބައްދަލު ކުރައްވާފަ އެވެ. ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލާއި ފުލުހުން އަދި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި ރިލްވާންގެ މައްސަލާގައި ހުރިހާ މުއައްސަސާތަކުން އެއް އަޒުމެއްގައި އެެއްބާރުލުން ދިނުމާއެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވެ އެވެ.