ހަބަރު

ރިޕޯޓް މަޖިލީހަށް: ރައީސްގެ ނުރުހުމާއި ކަންބޮޑުވުން

ވަގަށް ނަގައި މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާ ގުޅޭ ތަހުގީގީ ބަޔާން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރެއްވީ އެއްވެސް އިރުޝާދެއް ނުހޯއްދަވާ ކަމަށާއި އެކަމަކީ ކަންބޮޑުވެ ވަޑައިގެންނެވި ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން މައްސަލައާ ގުޅޭ ތަހުގީގުގެ ބޮޑު ބައި ނިންމައި ޑްރާފްޓް ރިޕޯޓް އެކުލަވާލާފަ އެވެ. އަދި އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މީޑިއާއަށް އާންމުކޮށް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ، އެ ރިޕޯޓް ހިއްސާ ކުރެއްވީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދެވެ. ރިޕޯޓް ލިބުމާއެކު ރައީސް ނަޝީދު ވަނީ ޕީޖީ ގުރޫޕްގެ ލީޑަރުންނާ ރިޕޯޓް ހިއްސާ ކުރައްވާފަ އެވެ. އެ ފަހުން ރިޕޯޓްގައި ބައެއް ސިއްރު މައުލޫމާތުތައް ހިމެނޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން އެ ރިޕޯޓްތައް ލީޑަރުންގެ އަތުން އަނބުރާ ހޯދީ އެވެ.

ފަހުން ރައީސް ނަޝީދު ވިދާޅުވީ ލީޑަރުން ސިއްރުތައް ހިފަހައްޓާނެ ކަމަށެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ރިޕޯޓާ ގުޅޭ ގޮތުން ބަހުސްކޮށް ކޮމެޓީގައި ވެސް ރިޕޯޓް ދަނީ ދިރާސާ ކުރަމުންނެވެ. މަޖިލީހުގެ ވެބްސައިޓްގައި ވެސް ރިޕޯޓް ޝާއިއު ކޮށްފައިވެ އެވެ. އޭގެ ފަހުން ބައެއް ސިއްރު މައުލޫމާތުތައް ސޯޝަލް މީޑިއާގައިވެސް ހާމަވެފައިވެ އެވެ.

އެ މައްސަލަ ބޮޑުވެ ބަހުސަކަށްވެފައި ވަނިކޮށް ރައީސް ސޯލިހު މިއަދު ވަނީ މީޑިއާއާ ބައްދަލު ކުރައްވާފަ އެވެ. އަދި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ ކޮމިޝަނުން މަޖިލީހަށް ރިޕޯޓް ހިއްސާ ކުރީ އެ މަނިކުފާނުގެ އެއްވެސް އިރުޝާދެއް ހޯއްދަވައިގެން ނޫން ކަމަށާއި އެއްވެސް ފަރާތަކާ ރިޕޯޓް ހިއްސާ ކުރުމަށް އެމަނިކުފާނު ދަންނަވާފައި ވެސް ނުވާނެ ކަމަށެވެ.

"ދެވަނަ ޑްރާފްޓް އަޅުގަނޑަށް ލިބުމާއެކު މަޝްވަރާ ކުރެވުނީ މީޑިއާގައި އެއްޗެއް ބުނަން ވެއްޖެ ކަމަށް، ރައްޔިތުންނަށް ކޮންމެ ވެސް އެއްޗެއް ހާމަ ކުރަން ވެއްޖެ ކަމަށް، އެއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު މީޑިއާ ކޮމިޝަނުން ބައްދަލުކުރީ، އެ ދުވަހުގެ ޕްރެސްގައި އެ ދެއްކީ އެ ދުވަހު އަޅުގަނޑުމެން ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހާމަކުރި މައުލޫމާތުތައް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު އެމަނިކުފާނު އެދިވަޑައިގަންނަވާ އެދިވަޑައިގެންނެވުމަކީ އެ ރިޕޯޓްގެ ޑްރާފްޓް ލިބިފައިވާ އެއްވެސް ބޭފުޅަކު، ތަހުގީގަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް ނުކުރެއްވުން ކަމަށެވެ. އަދިވެސް މިކަމުގައި ގުޅުވަން ޖެހޭ ޑޮޓްތައް އެބަހުރި ކަމަށާއި ސުވާލު ކުރަން ޖެހޭ ގިނަ ބަޔަކު ވެސް އެބަތިބި ކަމަށެވެ.

ނަމަވެސް ރިޕޯޓް ހިއްސާކުރުމާ ގުޅިގެން މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު އެ މަޖިލީހަށް އޮންނާނެ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއަށް ވަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މި ރިޕޯޓްގަ މި ހުރި ސިއްރުތައް ކޮންމެހެން ހިފަހައްޓަން ޖެހޭ މައުލޫމާތުތައް ހިފެހެއްޓުން، މިހާތަނަށް ވީ ކަމެއް ވެފަ އެ އޮތީ، އެ ނުވާ ކަމަކަށް ދެން ނެތް ބުނެވޭކަށް، އަޅުގަނޑަކަށް ދެންނެވޭކަށް ނެތް ރިޕޯޓް ވަކި ބަޔަކަށް ނުފެނެއެކޭ، އެބަހުރި ފެނިފަ، އޭގަ ހުރި ބައެއް މައުލޫމާތުތައް އާންމު ވެއްޖެއްޔާ ތަހުގީގަށް ދަތިވާނެ މައުލޫމާތުތައް އެބަހުރި، އެ އެއްޗެހި ހިފެހެއްޓުން އަޅުގަނޑުގެ އެދުމަކީ،" ރައީސް ވިދާޅުވި އެވެ.

"ދެން ވެސް އަޅުގަނޑު މި ކުރަން ބޭނުންވާ ކަންކަން މަގުސަދު ހާސިލް ކުރުމަށްޓަކައި ރިލްވާން ވީ ގޮތެއް ހޯދުމާއި އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި އެންމެން އެއްބާރުލުން ދިނުމުން އަޅުގަނޑު އެދެނީ،"

ރައީސް ސޯލިހު ވިދާޅުވީ ރިޕޯޓް މަޖިލީހަށް ހިއްސާ ކުރެވިގެން ދިޔައިރު އެ ރިޕޯޓް ފުލުހާ ވެސް ހިއްސާ ކުރެވިފައި ނެތް ކަމަށެވެ. ރިޕޯޓް ލިބުމުން އެމަނިކުފާނު ވެސް އެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށެވެ. އަދި ކޮމިޝަނުން ވެސް އެ ރިޕޯޓް ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ޕީޖީ އާއި ބަންޑާރަ ނައިބާ ވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ. ރިޕޯޓްތައް ހިއްސާ ނުކުރައްވާ އެމަނިކުފާނު މަޑު ކުރެއްވީ ފައިނަލް ރިޕޯޓް ވަރަށް އަވަހަށް ތައްޔާރުވާނެ ކަމަށް ކޮމިޝަނުން ބުނުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އެއާ ގުޅިގެން އެކި މުއައްސަސާތަކުން އެކި ގޮތަށް މިހާތަނަށް ވާހަކަ ދެކެވިފަ ހުރީ، އެެހެންވެ އިއްޔެ އަޅުގަނޑު ހުރިހާ މުއައްސަސާތަކެއް އެއް މޭޒެއް ދޮށަށް ގެނެސް މިކަމުގައި އެކައްޗެއް ކިޔައިގެން ކުރިއަށް ދާން،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލާއި ފުލުހުން އަދި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

"ދެން މިކަމުގައި ހުރިހާ ފަރާތެއް ވެސް ކުރިއަށް ދާނީ އެއް އަމާޒެއްގަ، އަޅުގަނޑު އިއްޔެ ކޮމިޝަންގައި އެދުނިން ރިޕޯޓް ޕޮލިހަށާއި ބަންޑާރަ ނައިބަށާއި ޕީޖީއަށް ހިއްސާ ކުރުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭނީ ގާނޫނުގައި ބަޔާން އިމުގެ ތެރެއިިން އޭގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އޭގެ ބޭރަށް ވަޑައިގެނެގެން ނުވާނެ ކަމަށެވެ. އަދި ގާނޫނުގައި ވަރަށް ސާފުކޮށް ރިޕޯޓް އެކުލަވާލައި އެއާމެދު އަމަލު ކުރާނެ ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ކޮމިޝަނުން މިހާރު ވެސް ވަރަށް އުނދަގޫ މަސައްކަތްތަކެއް ކޮށްފި ކަމަށާއި ކުރިއަށް ވެސް ކުރަން އެބަހުރި ކަމަށެވެ. އެ ކޮމިޝަންގެ މަސައްކަތްތަކާމެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި މަސައްކަތްތައް ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.