ރިޕޯޓް

ރައީސްގެ 25 މިނެޓް: ބޮޑު ބިޔަ ރާޅެއްގެ މެސެޖް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މީޑިއާގެ ކުރިމައްޗަށް ނުކުންނަވާ ވާހަކަފުޅު ދެއްކެވީ ވަރަށް ތިލަކޮށެވެ. ނޫސްވެރިންގެ ސުވާލުތަކަށް ދެއްވީ ވަރަށް "ޑިޕްލޮމެޓިކް" ޖަވާބުތަކެވެ. އެކަމަކު، އެމަނިކުފާނު ދެއްވަން ބޭނުންފުޅުވި މެސެޖް އެންމެ މުހިންމު ވަގުތުގައި އެންމެ ފުރިހަމައަށް ވަނީ ފޯރުކޮށް ދެއްވާފަ އެެވެ.

ކިތަންމެ ވަރަކަށް ދޮގު ކުރަމުން ދިޔައަސް ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުންތަކެއް، އެހެންނާ ވާދަވެރި ކަމެއް އޮތްކަން މިހާރު ދެން ޝައްކެއް ނެތް މިންވަރަށް އެނގެ އެއެވެ. އެ ވާހަކައިގެ ކަށަވަރު ކުރަން ބޭނުންވާ މީހާއަށް އިއްޔެ ރައީސް ސޯލިހު ދެއްވި ޕްރެސްއިން ވަރަށް ގިނަ ކަންކަން އެނގޭނެ އެވެ.

ރައީސް ސޯލިހު، އެ މަނިކުފާނުގެ އޮފީހުގައި މީޑިއާއާ ކުރިމަތިލެއްވީ ރިލްވާން ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު ގިނަ ވާހަކަފުޅުތަކެއް ދައްކަވާއި އެއިން ސުރުހީ ހައްދަވާ ނިންމެވި ފަހުނެނެވެ. އަދި ރައީސް ސޯލިހު ބައިވެރިވެވަޑައި ނުގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފުލުހުން ރައީސް ނަޝީދަށް ފާރަލަމުންދާ ކަމަށް ގައުމީ ދިފާއީބާރު، އެމްއެންޑީއެފުން ބުނެފައިވާ ކަމަށް ވިދާޅުވެ މަސްރަހު ގަރަނބުކޮށްލެއްވި ފަހުންނެވެ.

ނަޝީދުގެ ވާހަކައެއް ދޮގުކުރި ފުރަތަމަ ފަހަރު

މިއީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ މަންޒަރެކެވެ؛ ރައީސް ނަޝީދަށް ރައްދު ދެއްވައި އެމަނިކުފާނަށް ދެރަވާ ބަސްފުޅެއް މީގެކުރިން ދުވަހަކު ވެސް ރައީސް ސޯލިހު ވިދާޅެއް ނުވެ އެވެ. އެކަމަކު އިއްޔެގެ ތާރީހުގައި އެކަމަށް ނިންމުން އައީ އެވެ. މިއީ ވަރަށް ބޮޑު ކަމެކެވެ. އަދި ވަރަށް ބޮޑު ކަމެއްގެ ފެށުމެވެ.

އިއްޔެ އޮތް ޕްރެސް ފެށުމުގެ ކުރިން ރައީސް ސޯލިހު އެއް ކަމެއް ކަށަވަރު ކުރެއްވި އެވެ. ސަލާމަތީ ބާރުތައް، ފުލުހުންނާއި ސިފައިންގެ ބަޔާން އެމަނިކުފާނުގެ އަތްޕުޅަށް އަރާތޯ އެވެ. ޕްރެސް ފެއްޓެވުމުގެ ކުޑައިރުކޮޅެއް ކުރިން ސިފައިންނާއި ފުލުހުން ބަޔާނެއް ނެރެ، ރައީސް ނަޝީދުގެ ވާހަކަފުޅުތައް ދޮގު ކުރެއްވި އެވެ. ރައީސް ސޯލިހު ޕްރެސްއަށް ވަޑައިގެންނެވީ އެ ބަޔާންތައް ހިއްޕަވައިގެނެވެ، ރައީސް ނަޝީދުގެ ވާހަކަފުޅު، ރައީސް ސޯލިހު ދޮގު ކުރެއްވީ ބަޔާންތަކުގެ އެހީގަ އެވެ.

ޕްރެސްގައި ރައީސް ނަޝީދުގެ ވާހަކަފުޅު، ރައީސް ސޯލިހު ދޮގު ކުރެއްވީ މި މޭރުމުންނެވެ: "ފުލުހުންނާއި ސިފައިން ވަނީ ބަޔާނެއް ނެރުއްވާފަ، އެކަން [ރައީސް ނަޝީދަށް ފާރަލުން] އެގޮތަށް ނުކުރައްވާ ކަމަށް،"

އިހްތިޔާރުކުރީ ނަޝީދުގެ ފަޅިއެއް ނޫން!

ފުލުހުން ފާރަލާ ވާހަކަ ރައީސް ނަޝީދު ވިދާޅުވީ، މަރާލާފައިވާ ރިލްވާން މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމުގައި ފުލުހުންނަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. އަދި އޭގެ ސަބަބުން ފުލުހުންގެ ފަރާތުން އެމަނިކުފާނަށް ގެއްލުމެއް ދީފާނެ ކަމަށް ވެސް ވަނީ ތުހުމަތު ކުރައްވާ މާޒީއާ ގުޅުވާލައްވަ އެވެ.

އެމަނިކުފާނަށް ފާރަލައިގެން ނުބައި ގޮތަކަށް ކަންތައްތައް ކުރިޔަސް އެ ވާހަކަ ދެއްކުން ހުއްޓަވާ ނުލައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރައީސް ނަޝީދު އެ ވަނީ ފުލުހުންނާ ދެކޮޅު "ހަނގުރާމައެއް" އިއުލާން ކުރައްވާފަ އެވެ.

ރިލްވާން މައްސަލާގައި ދެ ފުލުހެއްގެ އިހުމާލާއި ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަން ރިލްވާން ރިޕޯޓް / ޑްރާފްޓުން ވަނީ ޔަގީން ވެފައެވެ. އެ ދެ ފުލުހުން ހައްޔަރު ނުކުރެވިގެން އުޅޭ މައްސަލާގައި އެންމެ ބޮޑަށް ފާޑު ވިދާޅުވަނީ ރައީސް ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުން ފުލުހުންގެ އިދާރާއިން ވެސް ރިޔާސީ ކޮމިޝަނަށް އެއްބާރުލުމެއް ނުދެ އެެވެ. އަދި ރިލްވާން ރިޕޯޓަށް ބަލައި ފަސް ފުލުހަކަށް ފިޔަވަޅު އަޅަން ޖެހެ އެވެ.

ޕްރެސް ފެއްޓެވުމުގެ ގޮތުން ރައީސް ސޯލިހު ނޫސްވެރިންނަށް ކަމެއް ވަރަށް ރަނގަޅަށް ސާފުކޮށް ދެއްވި އެވެ. އެ ކަމަކީ އެ ޕްރެސްއަކީ ހަމައެކަނި ރިލްވާން މައްސަލައާ ގުޅޭ ޕްރެސްއެއް ކަމެވެ. ސުވާލުތައް އެ މައުލޫގައި ކުރިޔަށް ގެންދަން އެދިވަޑައިގެންނެވި އެވެ. އެއިން ސާފުވީ އެ މައްސަލައަށް ރައީސް ސޯލިހު ދެއްވައި ސަމާލުކަމާއި މިހާރު ކަންވެފައި އޮތް ގޮތުން އެމަނިކުފާނު ދައްކަވަން ބޭނުންފުޅުވާ ވަރަށް ގިނަ ވާހަކަ ހުރި ކަމެވެ.

ރައީސް ނަޝީދެކޭ ވިދާޅެއް ނުވެ އެވެ؛ އެކަމަކު ރައީސް ސޯލިހު ފުލުސް އިދާރާ ދިފާއު ކުރެއްވި އެވެ. ރައީސް ސޯލިހު އިހްތިޔާރު ކުރެއްވީ ފުލުސް އިދާރާގެ ފަޅި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކޮމިޝަނަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބެ އެވެ. ފުލުހުންގެ އެއްބާރުލުން ނުލިބިގެން ޝަކުވާއެއް ލިބި ވަޑައި ނުގަންނަވާއިރު އަބަދުވެސް ލިބި ވަޑައިގަތީ އެއްބާރުލުން ދެއްވުމުގެ ފުރިހަމަ ކަމުގެ ވާހަކަ އެވެ.

ކުރިއަށް ނެރުނީ "އަޅުގަނޑު"!

އެންމެ ފާހަގަވި ކަމަކީ ރައީސަކީ ކޮން ބޭފުޅެއްކަން އަދި ރިލްވާން މައްސަލައިގެ ކްރެޑިޓް ހޯދަން އެހެން ބަޔަކު އުޅޭތީ އެކަން ސާފުކޮށް ދެއްވަން ރައީސް ސޯލިހު އުޅުއްވި ކަމެވެ. "އަޅުގަނޑު" އެ ލަފުޒު ރައީސް ސޯލިހު އިއްޔެ ކުރިއަށް ނެރުއްވި އެވެ.

ރިލްވާން ރިޕޯޓް / ޑްރާފްޓް ދޭއް، ރައީސާ ހިއްސާ ކުރެއްވުމަށްފަހު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މީޑިއާއާ ބައްދަލުކޮށް މައުލޫމާތުތައް ދެއްވީ ރައީސްގެ އިރުޝާދަށެވެ. ހާމަ ކުރެއްވީ ރައީސް އެދިވަޑައިގެންނެވި މިންވަރަށެވެ. އެކަމަކު، އޭގެ ފަހުން ކުރެއްވީ ރައީސްގެ އިރުޝާދެއް ނެތް ކަމެކެވެ. އެކަމާ ނުރުހުންވެވަޑައިގެން އެއްޗެއް ވިދާޅުވި ނުވިޔަސް ހުންނެވީ އެކަމާ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެންކަން ޕްރެސް އިން ސާފުވި އެވެ.

ރިލްވާން ރިޕޯޓް، ރައީސް ނަޝީދުގެ އަތްޕުޅަށް ސުއޫދު އެރުވުމާއެކު ހައިރާންވި އެއް ކަމަކީ އެ ރިޕޯޓް ޕީޖީ ލީޑަރުންނަށް ބަހާލައި ފޮޓޯ ނެގުމެވެ. އަދި މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް ޝާއިއު ކުރި ކުރުމެވެ. އަނެއްކާ އޭގެ ފަހުން މަޖިލީހުގެ ތަޅުމަށް ހުޅައި ބަހުސް ވެސް ކޮށްފި އެވެ. އަނެއްކޮޅުން 241 ކޮމެޓީއިން ވެސް ރިލްވާން ރިޕޯޓް ދިރާސާ ކުރަނީ އެވެ. އެކަމަކު، އެއީ އަދި ދެވަނަ ޑްރާފްޓެވެ. ފައިނަލް ރިޕޯޓެއް ނޫނެވެ.

ރިލްވާން ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު ވަރަށް ވާހަކަ ދައްކަވައިފި އެވެ. މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވެސް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. އެކަމުގައި އެމަނިކުފާނު ކުރައްވަވާ މަސައްކަތްތައް ވެސް ކިޔައިދެއްވި އެވެ. ރިލްވާންގެ އާއިލާއާ ވެސް މަޖިލީހުގެ އިދާރާގައި ބައްދަލު ކޮށްފި އެވެ. ރައްޔިތުންނަށް ފެނުނު ހުރިހާ މަންޒަރެއްގައި ލީޑް ކުރެއްވީ ރައީސް ނަޝީދެވެ.

މި ހުރިހާ ކަމެއް ހިނގައިފި އެވެ؛ އެކަމަކު، މަޖިލީހުގެ މަސައްކަތަށް ރައީސް އެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވި އެވެ. އޭގެ ބަދަލުގައި ރައީސް ފާހަގަ ކުރެއްވީ ކޮމިޝަންގެ ގާނޫނީ ދައުރެވެ. ގާނޫނުގައި ބުނެފައިވާ ވާހަކަ އެވެ. ކޮމިޝަންގެ ގާނޫނުގައި ރިޕޯޓް އެކުލަވާލުމަށްފަހު އެއާ މެދު އަމަލު ކުރާނެ ގޮތް ބަޔާން ކޮށްފައިވާކަން ރައީސް ވިދާޅުވި އެވެ. އޭގައި މަޖިލީހުގެ ވާހަކައެއް ނޯވެ އެވެ.

ކޮމިޝަނަކީ ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނެކެވެ. ރިލްވާންއަށް އިންސާފު ހޯދައިދިނުމަކީ އެމަނިކުފާނުގެ ވައުދެކެވެ. އެހެންވެ ބައެއްގެ ލޮލާއި ކަންފަތް ރައީސް އިއްޔެ ހުޅުވައިދެއްވީ އެވެ. އަދި އެމަނިކުފާނުގެ އިރުޝާދަކާ ނުލައި ކޮމިޝަނުން މަޖިލީހަށް ރިލްވާން ރިޕޯޓް ގެންގޮސްލީއިރު އެއާ ގުޅުންހުރި އެއްވެސް މުއައްސަސާއަކާ ވެސް ހިއްސާ ނުކުރެ އެވެ.

އެއީ އެމަނިކުފާނަށް ނޭނގި ހިނގައިދިޔަ ކަންތައްތަކެއް ކަމުގައި ވިޔަސް މުޅި މައްސަލަ މިހާރު އޮތީ އެމަނިކުފާނުގެ ކޮންޓްރޯލްގައިކަން ރައީސް އިއްޔެ ވިދާޅުވި ވާހަކަތަކުން ވަރަށް ސާފެވެ.

ރައީސްގެ ވާހަކަފުޅަށް ބަލާއިރު މި މައްސަލާގައި ކަން ހިނގައި ދިޔަ ގޮތުން މިހާރު ރައީސް އެދި ވަޑައިގަންނަވަނީ ބައި ނުވެ މުއައްސަސާތަކުން މި މައްސަލާގައި އެއް އަމާޒަކަށް މަސައްކަތް ކުރުންކަން އެނގެ އެވެ. ގުޅުން ހުރި ހުރިހާ އެންމެން އެއް މޭޒެއްގެ ދޮށަށް ރައީސް ގެންދެވީ އެހެން ވެގެނެވެ.

ރައީސްގެ ވާހަކަފުޅަށް ބަލާއިރު އިތުރު ކަމެއް ހީވާވަރު ވިއެވެ. ރިލްވާންގެ މައްސަލައަށް ރައީސް ނަޝީދު ހުރަސް އަޅުއްވަމުންދެ އެވެ. -- މިއީ ހީއެކެވެ -- މިތާނގައި ރައީސް ސޯލިހު، ރައީސް ނަޝީދުގެ ނަމެއް ނުގެންނަވަ އެވެ. ވިދާޅުވީ "ރިޕޯޓް ލިބިފައިވާ ބޭފުޅުނޭ" އޭ އެވެ.

"ދަންނަވާލަން ބޭނުން ވަނީ މި ރިޕޯޓްގަ ހުރި ސިއްރުތައް ކޮންމެހެން ހިފަހައްޓަން ޖެހޭ މައުލޫމާތުތައް ހިފެހައްޓައިދޭށޭ، އޭގަ ހުރި ބައެއް މައުލޫމާތުތައް އާންމު ވެއްޖެއްޔާ ތަހުގީގަށް ދަތިވާނެ، ދެން ވެސް އަޅުގަނޑު މި ކުރަން ބޭނުންވާ ކަންކަން މަގުސަދު ހާސިލް ކުރުމަށްޓަކައި އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި އެންމެން އެއްބާރުލުން ދިނުމުން އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު މެންދުރުގެ ވަގުތު ރައީސް ސޯލިހު ދެއްވި ޕްރެސްއަކީ ރިލްވާން މައްސަލައާ ގުޅޭ ޕްރެސްއެއް ކަމަކު، އެއީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް ލޯ މައްޗަށް ފެނިގެން ދިޔަ ޕްރެސްއެކެވެ. ދެން ނަގާފާނެ ސިޔާސީ ރާޅުގެ ބޮޑު ކުޑަ މިން ވަޒަންކޮށްލަން އެނގުނު ޕްރެސްއެކެވެ. އަދި ތަފާތު ރައީސް ސޯލިހެއް ފެނުނު ޕްރެސްއަކަށްވެސް ވެ އެވެ.