ރިޔާސީ ކެންޕެއިންގެ ފޯރި އެންމެ ގަދަވިއިރު އެންމެ އަޑު ހަރުކޮށްވި އެއް ވައުދަކީ މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމެވެ. އެއީ ބޮޑު އުނދަގޫ މަސައްކަތަށްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދެވީ ވަރަށް ޔަގީން ކަމާއެކު މައްސަލަތަކުގެ އެންމެ ފުނަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
ވިދާޅުވި ގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު މަރުތަކުގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދާ ފަސް މެންބަރުން އައްޔަން ކުރެއްވި އެވެ. އަދި މަޖިލީސް މެދުވެރިކޮށް ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ހޯދައި ދިނެވެ. ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސި އެވެ.
ނަމަވެސް ކޮމިޝަންގެ މަސައްކަތަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ރައްޔިތުންގެ ކަންބޮޑުވުން އިއްތިހާއަށް އޮތް ތިން މައްސަލައާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް ކޮމިޝަނުން ވަނީ ތައްޔާރުކޮށްފަ އެވެ. އެއީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ޔާމީން ރަޝީދު މަރާލި މައްސަލައިގެ އިތުރުން އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެވެ. މީގެ އިތުރުން ބަގްލަދޭޝްގައި ކިޔަވަމުންދިޔަ ރައުދާ އާތިފުގެ މަރާގުޅޭ ރިޕޯޓެއް ވެސް ނިންމި އެވެ.
އެ ނޫންވެސް މައްސަލަތަކެއްގެ ފުނަށް ވާސިލްވެ އެ މަރުތަކަށް އިންސާފު ހޯދައި ދިނުމަކީ ރިޔާސީ ކޮމިޝަންގެ މެންޑޭޓްގައި އޮތް ކަމެކެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ އިންސާފާ ހަމައަށް ވާސިލެއް ނުވެވުނެވެ. އަދި ވާސިލްވެވޭނެ ކަމުގެ އުންމީދުވެސް ވަނީ ކުޑަވެފައެވެ. ހުރިހާ މަގެއް ވަނީ ބެދިފަ އެވެ.
ރިޔާސީ ކޮމިޝަނުން އެއްވެސް ނަތީޖާއެއް ނުފެނި ރައްޔިތުން މާޔޫސްވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާތީ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ވަނީ އެމަނިކުފާނަށް އަންގާފަ އެވެ.
"މަރުތަކާ ގުޅޭ ކޮމިޝަނުން މިހާރު މަޖިލީހަށް ސިޓީއަކުން އަންގާފައިވޭ، އެ ބޭފުޅުންނަށް ދެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެއޭ. އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ." މިދިއަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތައްވީ ސިހުމެއް ލިބުނު ވާހަކަ ތަކަށްވި އެވެ. ވެރިކަމަށް އައުމަށް ސަރުކާރުންވީ އެންމެ މުހިންމު ވައުދު ނުފެއްދޭނެ ކަމުގެ އިއުތިރާފެއް ވުމަކީ ކުޑަ ކަމެއް ނޫނެވެ. ރައްޔިތުންގެ އެތައް ބަޔަކު ތިބީ އަނިޔާވެރިކަަމާއެކު މަރާލެވިފައިވާ އަދި ގެއްލުވާލެވިފައިވާ މީހުންނަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަކު އެކަމަށް ހުރަސްތައް ކުރިމަތިވެ، އިންސާފަށް ވާސިލް ނުވެވި ކޮމިޝަނުން މަސައްކަތް ހުއްޓާލިކަން އިއުލާނު ކުރުމަކީ ވަރަށް ބޮޑު ކަމެކެވެ.
އެހެން ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަތައް ދޮގުކޮށްފައި ކޮމިޝަނުން ބަޔާނެއް ނެރުނެވެ. ކޮމިޝަނުން ބުނާ ގޮތުގައި ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެކެވެ. މަޖިލީހުން އެދުނީ ކޮމިޝަންގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު އަންގައިދޭށެވެ. އަދި ކޮމިޝަނުން އެ މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ މައުލޫމާތު މަޖިލީހާ ހިއްސާ ކުރި އެވެ. ތަހުގީގަށް ހުރި ހުރަސްތައް ވެސް ކޮމިޝަނުން ރައީސް ނަޝީދުގެ ސަމާލު ކަމަށް ގެންދިޔައެވެ. އަދި ކޮމިޝަން އޮތީ "ދޫ ދޭގޮތަށް" ނޫން ކަމަށް އަންގާފައިވާނެ އެވެ.
ކޮމިޝަނުގެ ބަޔާނުގައި ބުނާފަދަ ސާފު ޖަވާބެއް ދިން މައްސަލައެއްގައި ރައީސް ނަޝީދު އެގޮތަށް ދެއްކެވީ ކީއްވެގެން ހެއްޔެވެ؟ މިއީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ދެއްވި ހަމަލާއެއް ހެއްޔެވެ؟ ނޫނީ އެމަނިކުފާނަށް ގޯސްކޮށް އެއްޗެއް ވިދާޅުވެވުނީ ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވި ސަބަބަކީ ކޮމިޝަނާމެދު އެމަނިކުފާނު ޑިސެޕޮއިންޓްވެވަޑައިގެންފައިވާ މިންވަރެވެ. އެއީ ގަސްތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެކެވެ. ބޭނުންފުޅުވީ ކޮމިޝަނަށް މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު އިންސާފަށް ވާސިލްވެވުމުގެ ގާބިލްކަން އެ ކޮމިޝަންގައި ނެތްކަން ހާމަ ކުރެއްވުމެވެ.
"ހަގީގަތުގައި ރައީސް ނަޝީދު ބޭފުޅުން ވަނީ މަރުތަކަށް އިންސާފު ހޯދަން، ނަމަވެސް މިހާރު އެކަމަށް ދެ އަހަރުވާން މިދަނީ. ކޮބައިތޯ ކޮމިޝަނެއް އޮވެގެން ކުރެވުނު މަސައްކަތެއް، ހޯދުނު ކާމިޔާބެއް. ރައީސް ނަޝީދު އެ ދެއްވީ މެސެޖެއް. އެއީ ކޮމިޝަނަށް އެކަން ނުކުރެވޭނެކަން. އެހެންވީމަ ވިދާޅުވި ވާހަކަފުޅެއް ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ނަޝީދާ ގާތްގުޅެއް އޮތް އެ މެންބަރު ވިދާޅުވި އެވެ.
އެމްޑީޕީގެ އެހެން މެންބަރެއްގެ ހިޔާލު އެކަމުގައި ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަފުޅަކީ ރައީސް ނަޝީދު ސަރުކާރަށް ދެއްވި ހަމަލާއެކެވެ. ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އެ ނޫންވެސް އެތައް ވާހަކަތަކެއް ދައްކަވާފައިވާކަން އެ މެންބަރު ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިވަރުގެ ބޮޑު ވާހަކައެއް ނަޝީދު ވިދާޅުވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"މިފަހަރު މި ދެއްވީ ވަރަށް ބޮޑު ހަމަލައެއް. ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ މަރުތަކަށް އިންސާފު ހޯދުން، ހާއްސަކޮށް ޑރ. އަފްރަޝީމްއާއި ރިލްވާން އަދި ޔާމީން ރަޝީދުގެ މައްސަލަ، އެއީ އެންމެ ބޮޑަށް އަޅުގަނޑުމެން ދެއްކި ވާހަކަ. އެހެންވީމަ އެކަންކަން ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު އިއުލާނު ކުރެއްވުން އެއީ ސަރުކާރަށް ދިން ވަރަށް ވަރުގަދަ ހަމަލާއެއް." އޭނާ ވިދާޅުވި އެވެ.
މިދިއަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަރަށް ދިގު ކޮށް މި މައުލޫގައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ނަޒަރުގައި މިހާރުވެސް ބައެއް މީހުންގެ މައްޗަށް ތަހުގީގު ހިންގޭ ވަރަށް ހެކި ލިބިފައި ވެއެވެ. ފިޔަވަޅު އަޅަންޖެހޭ ޖަމިއްޔާތައް އެބަ ހުއްޓެވެ. ހުއްޓުވަން ޖެހޭ ވިޔަފާރިތައްް އެބަހުއްޓެވެ. އެކަންކަން ނުކުރެވި އަދި އިންސާފު ގާއިމްނުވެ އޮތީ ފުލުހުންގެ އިހުމާލުންނެވެ.
"އަޅުގަނޑު ހިތާމަ އާއެކީގައި ދަންނަވާލަން ޖެހޭނީ މި ދައުވާތައް ކުރެވިފައި ނެތީ ފުލުސް އޮފީހުގެ އިހުމާލުން. އަޅުގަނޑަށް ވަރަށް އުނދަގޫ ވަރިހަމަ ކޮށްގެން އިންނަން. އަޅުގަނޑު އަނެއްކާ ވެސް އެދެނީ މަރުތަކުގެ މައްސަލަތައް ނިންމާ ދެއްވާށޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން މަޖިލީހުން ފާސްކުރި ރިޕޯޓްގައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި މަޖިލީހަށް ފެންނަ ފިޔަވަޅުތަކާއި އެ މައްސަލާގައި ދައުވާ ކުރަން ޖެހޭ ފަރާތްތަކުގެ ލިސްޓެއް ވެސް ހިމަނާފައިވާނެ އެވެ. އޭގެތެރޭގައި އެ އަމަލުގައި ބައިވެރިވި މީހުންނާއި ހަރަދުކުރި މީހުންނާއި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހިމެނޭ އިރު އެކަންކަން ތަހުގީގު ނުކޮށް ތިބުން ބަލައިގަންނަން ދައްޗެވެ. ނަމަވެސް މިހާތަނަށް މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ހޯމް މިިނިސްޓަރު ވިދާޅުވެ އެވެ.
މަޖިލިސް ރައީސްގެ އެ ވާހަތަކަށް ރައީސް ސޯލިހްވެސް އިއްޔެ ވަނީ ރައްދު ދެެއްވާފަ އެވެ. ދޮޅު އަހަރުވީ ނަމަވެސް އަދިވެސް ރައީސް ދެއްވަނީ ބޮޑެތި މަރުގެ މައްސަލަތަކުގައި ޝާމިލްވާ މީހުން ހޯދައި ޝަރީއަތުގެ ކުރި މައްޗަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަމެކެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ކޮމިޝަންގެ މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދީފައިވާ ވާހަކަ އެވެ.
"ކޮމިޝަން [މަރުތައް ބަލާ ކޮމިޝަން] ގެ މަސައްކަތް ކޮޅެއްގައި ޖެހެންދެން އަޅުގަނޑު ކުރިއަށް ގެންދާނަން. އެ މަސައްކަތް ކުރެވިއްޖެއްޔާ އަޅުގަނޑުމެންނަށް ހޯދޭނެ. މިއަށް ބޭނުންވަނީ ފެސިލިޓީސް. އަޅުގަނޑު ގަސްތެއް ނުކުރަން އިތުރަކަށް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި އިތުރު ބޭފުޅުން އައްޔަން ކުރާކަން." ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އެ ވާހަކަފުޅުތައް ދެއްކެވީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަންކަން ވަމުން ނުދާތީ އެވެ. އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ މިހާރު ހޯދިފައިވާ މައުލޫމާތުތަކުގެ އަލީގައި ވެސް ބަޔަކަށް ދައުވާ ކުރާށެވެ. ނަމަވެސް ސަރުކާރުން އެގޮތް ބޭނުމެއް ނުވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ބޭނުންފުޅު ވަނީ ކޮމިޝަންގެ މަސައްކަތް ކިތަންމެ ދުވަހެއް ވިޔަސް ފުރިހަމަ ކުރާށެެވެ. ހަގީގީ އަނިޔާވެރިން ހޯދާށެވެ.
"މުޅި މައްސަލާގައި ރައީސް ނަޝީދާ، ރައީސް ސޯޯލިހްގެ ވިސްނުންފުޅު ތަފާތު. ނަޝީދު ބޭނުންފުޅުވޭ މިހާރު ވެސް އެ ރިޕޯޓްގައި ހުރި ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން. ނަމަވެސް އެއީ އަދި ފުރިހަމަވެފައިވާ ރިޕޯޓެއް ނޫން. އަނެއްކޮޅުން އެ ރިޕޯޓްގައި އެބަހުރި މުޅިން ޔަގީން ކުރަން ޖެހޭ އެތައް މައުލޫމާތެއް. އެހެންވީމަ ފުރިހަމަ ނޫން ތަހުގީގީ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބައެއްގެ މައްޗަށް ދައުވާ ކުރަން ރައީސް ބޭނުންފުޅެއް ނުވޭ، އެއީ ކަމަށް އަޅުގަނޑު ދެކެނީ ނަޝީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވި ސަބަބަކީ،" ރައީސް އޮފީހުގައި މަސައްކަތް ކުރަވާ އޮފިޝަލަކު ވިދާޅުވިއެވެ.
އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ރައްޔިތުންނަށްވީ ވައުދަކީ އިންސާފު ހޯދައި ދިނުމުގެ ވައުދު ނަމަވެސް އެ ވައުދު ވެސް ނުފުދި ސަރުކާރު ވަނީ ފެއިލްވެފަ އެވެ. އަދި އިންސާފު ހޯދުމުގެ ނަމުގައި ކޮމިޝަންތައް ހަދައިގެން މި ސަރުކާރުން 2.3 މިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް ވެސް ޝަރީފް ތުހުމަތު ކުރައްވަ އެވެ.
އިދިކޮޅުގެ ނަޒަރުގައި ރިޔާސީ ކޮމިޝަނަށް މިހާތަނަށް އެއްވެސް ކަމެއް ހާސިލް ކުރެވިފައެއް ނުވެއެވެ. ހަމަ އެކަނި ކުރި ކަމަކީ އިދިކޮޅުގައި ތިބި ބައެއް ބޭފުޅުންގެ ބޮލުގައި "އިލްޒާމް" ތަކެއް އެޅުވުމެވެ. ސަލަފް ޖަމިއްޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އަމާޒުކޮށް ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ސަބަބުން ކޮމިޝަނަށް އޮތް އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށްވެސް އިދިކޮޅުން ދެކެ އެވެ.
އަދި އެ ވަގުތަކު ސަރުކާރުން "ގަތުލު" ކޮށްލަން ބޭނުން ކޮންމެ މީހެއްގެ ވާހަކަ ކޮމިޝަންގެ ކޮންމެވެސް ރިޕޯޓެއްގައި ހިމަނައި، އެ ވާހަކަތައް އާންމު ކުރަމުން ގެންދިއުމަކީ ވެސް ކޮމިޝަނަށް އޮތް އިތުބާރު ގެއްލިފައިވާ ސަބަބެއް ކަމަށް އިދިކޮޅުން ދެކެއެވެ.
ކޮންމެ ގޮތެއްވިޔަސް ރައީސް ނަޝީދުގެ ވާހަކަތަކާއެކު އެތައް ބަޔަކަށް ވަނީ އުންމީދު ގެއްލި މާޔޫސްވެފަ އެވެ. އެއީ ކޮންމެ ބޭނުންފުޅެއްގައި އަދި ކޮންމެ މަގްސަދެއް ހާސިލް ކުރައްވަން ދެއްކެވި ވާހަކަފުޅެއް ނަމަވެސް މަރުތަކަށް އިންސާފު ހޯދުމަށް ފެށި ދަތުރު އިންސާފު ނުލިިބި ނިމެނީ ކަމަށް ގިނަ ބަޔަކަށް މިހާރު ވަނީ ޔަގީންވެފަ އެވެ.