ހަބަރު

ރިލްވާން މައްސަލަ އަންނަ ހަފުތާ ޕީޖީއަށް ފޮނުވަނީ

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލާގައި އަންނަ ހަފުތާ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރިލްވާން މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ހުރިހާ ކަމެއް ނިންމައި އެ މައްސަލަ އަންނަ ހަފުތާގެ ތެރޭގައި ދައުވާ ކުރުމަށް ފޮނުވޭނެ ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން މައްސަލައާ ގުޅޭ ތަހުގީގުގެ ބޮޑު ބައި ނިންމައި ޑްރާފްޓް ރިޕޯޓް އެކުލަވާލާފަ އެވެ. އަދި އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މީޑިއާއަށް އާންމުކޮށް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ.

ރިޕޯޓްގައި ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވި އަދި އެހީތެރިވި މީހުން ހާމަކޮށްފައިވެ އެވެ. އަދި ރިލްވާން މައްސަލާގެ ތަހުގީގަށް ހުރަސް އަޅައި އެހެން ދިމާލަކަށް އަނބުރަން މަސައްކަތްކުރި ފުލުހުންގެ މައުލޫމާތު ވެސް ހާމަކޮށްފައިވެ އެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އިންޓެލް ދެ ފުލުހަކު، ރިލްވާން ސީރިއާއަށް ދިޔަކަން ދައްކައި އޭނާ އެ ތަނުގައި މަރުވި ކަމަށް ހަބަރު ފަތުރަން އުޅިފައިވާ ކަމެވެ. އެކަން ރިޕޯޓްގައި ބަޔާންކުރީ އޭރުގެ ކޮންޓްރޯލާ ހަސަން އަލީ ދެއްވާފައިވާ ބަޔާނަކަށް ރިއާޔަތްކޮށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ބޮޑު އޮޕަރޭޝަނެއް ވެސް މާލެ އާއި އައްޑޫގައި ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި ގިނަ ތަންތަނާއި މީހުން ބަލާ ފާސްކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މީގެކުރިން ވެސް ރިލްވާން ރަހީނު ކުރި ކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލި އެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުށް ސާބިތެއް ނުވި އެވެ. އެ މައްސަލަ މިހާތަނަށް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.