ރާއްޖޭގައި ހިނގާފައިވާ ގޮތްނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުދިނުމަށް، ވީއެންމެ އަވަހަކަށް އެ ބިލް މަޖިލީހުގެ ތަޅުމަށް އަނބުރާ ގެނެސް އެ ގާނޫނު ފާސްކުރުމަށް ނޫސްވެރިންގެ ހައްގުތަކަށް ބައިނައަލްއަގުވާމީ ޖަމިއްޔާއަކުން މަޖިލީހުގެ ރައީސަށް ގޮވާލައިފި އެވެ.
މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަންތަކަށް ބާރު ދޭ ބިލު މަޖިލީހުގެ އެތަށް ފަހަރެއްގެ މަތިން ވޯޓަށް އަހަން މަސައްކަތް ކުރި އެވެ. ނަމަވެސް ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެންބަރުން ހާޒިރު ވެފައި ނުވާތީ އެކަންތައް ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން ބިލު ދިރާސާ ކުރި ކޮމިޓީ ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ބިލު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. އޭގެ ފަހުން އެ ބިލުގެ އެއްވެސް މަސައްކަތެއް މަޖިލީހުގައި ނުކުރެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ މިނިވަންކަން އާ ސަރުކާރާއެކު ރަނގަޅުވަަމުން އައި ނަމަވެސް، އެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމަކީ އެ މަސައްކަތަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ.
"އެ ބިލަކީ ނޫސްވެރިންނާއި ދެކޮޅަށް ހިންގާފައިވާ ގިނަ ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް،" އެ ސިޓީގައި ބުނެފައިވެ އެވެ.
ސީޕީޖޭން އިތުރަށް ބުނީ ޑިމޮކްރެޓިކް އަދި އިންސާފުގައިމުވެފައިވާ މުޖުތަމުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުކުރެވޭނީ، ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކު ރޯމާ ދުވާލު ނޫސްވެރިންނަށް ދޭ ހަމަލާތައް ހުއްޓިވިގެން ކަމަށެވެ.
އެގޮތުން، ޑރ. އަފްރާޝީމް އަލީގެ މަރާއި، ޔާމީން ރަޝީދުގެ މަރާއި، ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ރިލްވާން ގެއްލުވާލި ހާދިސާއާ، ހިއްލަތު ރަޝީދަށް ދިން ހަމާލާއާ ސީދާ ގުޅުން އޮތް ކަމަށް، އެ ކޮމިޝަނުގެ މުގައްރިރު ހުސްނު ސޫއޫދާ ހަވާލާދީ ސީޕީޖޭން ފާހަގަކޮށްފައިވެ އެވެ.
"އެ އަމަލުތައް ހިންގި ފަރާތްތަކަށް ދައުވާކޮށް އަދަބު ދިނުމަކީ، މުސްތަގުބަލުގައި އެފަދަ ހަމަލާތައް ހުއްޓުވައި، ނޫސްވެރިންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ސީޕީޖޭން އިތުރަށް ބުނެފައިވެ އެވެ.
އެ މައްސަލަތަކުގައި ފުލުހުންގެ އިހުމާލުއޮތްކަމާއި ޖުޑީޝަރީގެ ނުފޫޒުއޮތްކަމަށް ތުހުމަތުކުރެވޭއިރު، ގާނޫނީ ބާރުވެރިކަންދީގެން އެ މައްސަލަތައް އެކަށީގެންވާ ތަހުގީގު ކުރެވޭނެ މަގު އެ ކޮމިޝަނަށް ފަހިކޮށްދޭންޖެހޭކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.