ހަބަރު

ނޫސްވެރިންނަށް ބިރެއް ނެތް މާހައުލެއް ހޯދައިދޭން ރާއްޖޭން ގޮވާލައިފި

Nov 17, 2020

ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުއަށް ރާއްޖޭން ގޮވާލައިފި އެވެ.

މީޑިއާގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ވާޗުއަލްކޮށް ރޭ ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީމީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށެވެ.

މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖޭން ގަބޫލުކުރާ ހަމަތަކެއްކަން ބަޔާންކުރައްވައި، މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

ވަކިން ހާއްސަކޮށް، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ހިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސާލިހް އުވާލެއްވުމަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީހުގެ ކަޅު ސަފްހާއެއް ނިމުމަކަށް އައިކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ރިޔާސީ ކޮމިޝަނުން ބަލަމުންދާކަން ފާހަގަކުރައްވައި، މީޑިއާތައް ޖޫރިމަނާކުރުމުގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކުރެވުނުކަންވެސް ޝާހިދު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ޝާހިދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފަ އެވެ.

މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ 2019 ވަނަ އަހަރު ޖުލައި މަހު، ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގައި އެވެ.

މި ކޯލިޝަންގައި ބައިވެރިވާ މެމްބަރު ގައުމުތަކުން މަސައްކަތްކުރަނީ މީޑިއާގެ މިނިވަންކަމާ، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމަށެވެ.

މި ކޯލިޝަންގައި މެމްބަރު 38 ގައުމު ހިމެނޭ އިރު، ރާއްޖެއަކީ ކޯލިޝަންގެ އެގްޒެކެޓިވް ގްރޫޕްގެ މެމްބަރެކެވެ. އެގްޒެކެޓިވް ގްރޫޕްގައި ދެން ހިމެނެނީ މި ކޯލިޝަން އުފެއްދުމުގައި ހަރަކާތްތެރިވި ކެނެޑާއާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ލެޓްވިއާ، ޖަރމަނީ، ގާނާ އަދި ނެދަލެންޑްސް އެވެ.

"ކޮވިޑް-19ގެ ހާލަތުގައި މީޑިއާގެ މިނިވަންކަން" މި ޝިއާރުގެ ދަށުން މިއަހަރުގެ ގްލޯބަލް ކޮންފަރެންސް އޮން މީޑިއާ ފްރީޑަމް ބާއްވަނީ ކެނެޑާ އާއި ބޮޓްސްވާނާ ގުޅިގެންނެވެ.