މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކުރި ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭއްތިބުމަށް ކްރިމިނަލް ކޯޓުން އަމުރު ދީފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އުމުރުން 39 އަހަރުގެ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (އަހަނދު)ގެ އިތުރުން މާލެ ދަފްތަރު، އަހްމަދު މުއާޒު (40 އ) އެވެ. ތިން މީހުންވެސް ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން ބުނި ގޮތުގައި މިއީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހުންނެވެ. އެ މީހުން ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވާލި ކޮމިޝަނުގެ ތަހުގީގަށް ކަމަށްވެސް ބުންޏެވެ.
އެ ކޮމިޝަނުން އަދި ފުލުހުންވެސް ވަނީ މި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ އަމުރު ދިނުމަށް ކޯޓުން ނިންމިކަން ޔަގީން ކޮށްދީފައެވެ.
މި މީހުން ހައްޔަރުކުރަން އުޅޭ އަޑުތަކެއް ފެތުރުމުން ކުރީ ރޭގެ ވަގުތެއްގައި އިސޫ ވަނީ ފުލުހުންގެ މައި އިދާރާއަށް އަމިއްލައަށް ހާޒިރުވެފަ އެވެ. އެކަމަކު ފުލުހުން އޭނާ ހައްޔަރެއް ނުކުރިއެވެ.
އިސޫ އިއްޔެ ހައްޔަރު ކުރީ ކާނިވާގެ ކެފޭއެއްގައި ސައިބޯން އިންދައެވެ. މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް-ގައިދާ ޖަމާއަތަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށެވެ. އޭގެ ތެރެއިން އިސޫ އަކީ ރިލްވާން ގެއްލުނުތާ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ފާރަލީ މީހެއް ކަމަށެވެ. އެމީހުން އެކަން ކުރީ ރިލްވާން އަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމަށްފަހު ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.
އިސޫ އަކީ 2015 ވަނަ އަހަރު ސީރިއާ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން ހައްޔަރުކުރި މީހެކެވެ. މީގެ ކުރިން އޭނާ ވަނީ ޓެރަރިޒަމްގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފަ އެވެ.
އަހަނދު އަކީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމާއި އަދި އިތުރު ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެގޮތުން މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑު އޭނާގެ އޮވެ އެވެ.