އަހުމަދު ރިލްވާން

ރިލްވާން މައްސަލަ: ދައުވާ ލިބޭ މީހުންގެ އަޑުއެހުންތައް ސިއްރުކޮށްފި

Sep 26, 2022

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުންގެ އަޑުއެހުންތައް ސިއްރުކޮށްފި އެވެ،

މިމައްސަލައިގައި ދައުވާ ލިބެނީ އުމުރުން 30 އަހަރުގެ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، އުމުރުން 39 އަހަރުގެ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (އަހަނދު)ގެ އިތުރުން މާލެ ދަފްތަރު، އަހްމަދު މުއާޒު (40 އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ މި ތިން މީހުން މިވަގުތު ބަންދުގައި ތިބީ ޝަރީއަތް ނިމެންދެންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު 4:00 ޖަހާއިރު ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައި އޮތް އަޑުއެހުން ސިއްރުކޮށްފައި މިވަނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މިމައްސަލައިގައި ބޭއްވި އަޑުއެހުމުގައި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްދިނުމަށް ދައުލަތުންނާއި ދައުވާ ލިބޭ މީހުންގެ ވަކީލުން ވެސް އެދުމާ ގުޅިގެންނެވެ.

އަޑުއެހުންތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދުނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ މިމައްސަލައަކީ އަދިވެސް މުޅިން ނިމިފައި ނުވާ މައްސަލައަކަށް ވާތީ ތަހުގީގަށް ދައްޗެއް ކުރިމަތިވެދާނެތީއާއި އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދާނަމަ މައްސަލައިގައި ހިމެނޭ ކަމަށް ބެލެވޭ ބައެއް މީހުންނަށް ދިމާވެދާނެ ކަމަކާ ގުޅިގެންނެވެ. ދައުވާ ލިބޭ މީހުން އަޑުއެހުންތައް ސިއްރުކުރަން ބޭނުންވަނީ އެމީހުންގެ މަސްލަހަތަށް ގެއްލުމެއް ވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.

މުއާޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އިސްމާއިލް އަބްދުއްރަހީމް އާދަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އެވެ. އަހްމަދު އިސްމާއީލްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާ އެކެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ރިލްވާނާއި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހުންނެވެ. ތިން މީހުން ވެސް ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މަރު ކޮމިޝަނުގެ ތަހުގީގަކަށް ފަހު އެވެ. އަދި މިއީ އެ ކޮމިޝަނުން މިހާތަނަށް ބައެއްގެ މައްޗަށް ދައުވާ ކުރި ހަމައެކަނި މައްސަލަ އެވެ.