ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މއ. ފާގަފިލާގެ އަހްމަދު އިސްމާއިލް (އަހަނދު) ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރު އިސްތިއުނާފު ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަހުމަދު ބަންދުން ދޫކޮށްފައިވަނީ ޕާސްޕޯޓް ހިފަހެއްޓުމަށްފަހު ފައިގައި ޓެގް އަޅުވާފައި ކަމަށެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތެއްގައި އޭނާ ބޭރަށް ދިއުންވެސް މަނާކޮށްފައިވާތީ އެ އަމުރު އިސްތިއުނާފް ނުކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.
ޖިނާއީ ބޮޑެތި ކުށްވެރިން ޓެގް އަޅުވައިގެން އެ މީހުން އުޅޭ ނޫޅޭ ގޮތް ނިމިދިޔަ ސަރުކާރުގައިވެސް ބެލި އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު ދުވަސްގަނޑަކަށް ޓެގް އެޅުވުން ހުއްޓިފައި އޮތުމަށްފަހު އަލުން ޓެގް އެޅުވި ފުރަތަމަ މީހަކީވެސް އަހްމަދު އިސްމާއީލް އެވެ.
ޓެގް އަޅުވާ ކުށްވެރިންގެ ހަރަކާތްތައް ބަލައި މޮނިޓާކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިފައިވަނީ ފުލުހުންނަށެވެ.
އަހްމަދު ޓެގް އަޅުވާ މުޖުތަމައަށް ދޫކޮށްލުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އޭނާއާ ގުޅޭ މައްސަލައިގައި ހިމެނޭ ހެކިންނަށް ޖިސްމާނީ ރައްކާތެރިކަން ދިނުމަށް ވަކި އަމުރެއް ނެރެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އަހްމަދު އިސްމާއީލްގެ އިތުރުން މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މާލެ ދަފްތަރު 8499، އަހްމަދު މުއާޒުގެ މައްޗަށެވެ. މިދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މިއީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހުންނެވެ. ތިން މީހުން ވެސް ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މަރު ކޮމިޝަނުގެ ތަހުގީގަކަށް ފަހު އެވެ. އަދި މިއީ އެ ކޮމިޝަނުން މިހާތަނަށް ބައެއްގެ މައްޗަށް ދައުވާ ކުރި ހަމައެކަނި މައްސަލަ އެވެ.