ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މއ. ފާގަފިލާގެ އަހްމަދު އިސްމާއިލް (އަހަނދު) އަށް ކުރާ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ދައުލަތުން އަހަނދަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން މިމައްސަލަ ބޭރުކޮށްލީ އިއްޔެގެ ވަގުތެއް ގައެވެ.
ނޫސްވެރިޔާ ރިލްވާން ވަގަށް ނަގައި މަރާލި މައްސަލައިގެ ތުހުމަތުގައި އަހަނދުގެ އިތުރުން މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މާލެ ދަފްތަރު 8499، އަހްމަދު މުއާޒު ވެސް ޖޫން 26، 2022 ގައި ހައްޔަރު ކުރި އެވެ. ނަމަވެސް ފައިގައި ފައިގައި ޓެގް އެޅުވުމަށްފަހު އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތެއްގައި ބޭރަށް ދިއުން މަނާކޮށް ތިން މީހުން ދޫކޮށްލާފައި ތިބޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ޖިނާއީ ބޮޑެތި ކުށްވެރިން ޓެގް އަޅުވައިގެން އެ މީހުން އުޅޭ ނޫޅޭ ގޮތް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ބެލި އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު ދުވަސްގަނޑަކަށް ޓެގް އެޅުވުން ހުއްޓިފައި އޮތުމަށްފަހު އަލުން މިސަރުކާރުގައި ޓެގް އެޅުވި ފުރަތަމަ މީހަކީވެސް އަހަނދު އެވެ. އަހަނދު ޓެގް އަޅުވާ މުޖުތަމައަށް ދޫކޮށްލީ އޭނާއާ ގުޅޭ މައްސަލައިގައި ހިމެނޭ ހެކިންނަށް ޖިސްމާނީ ރައްކާތެރިކަން ދިނުމަށް ވަކި އަމުރެއް ފުލުހުންގެ މައްޗަށް ނެރުމަށްފަހު އެވެ.
ޓެގް އަޅުވާ ކުށްވެރިންގެ ހަރަކާތްތައް ބަލައި މޮނިޓާކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިފައިވަނީ ފުލުހުންނަށެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އިސޫއާއި، އަހަނދު އަދި މުއާޒު އަކީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހުންނެވެ. ތިން މީހުން ވެސް ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މަރު ކޮމިޝަނުގެ ތަހުގީގަކަށް ފަހު އެވެ. އަދި މިއީ އެ ކޮމިޝަނުން މިހާތަނަށް ބައެއްގެ މައްޗަށް ދައުވާ ކުރި ހަމައެކަނި މައްސަލަ އެވެ.