ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާއާއި، ގޮތް ނޭންގޭ މަރުތަކާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދުމަށް ފަށާފައިވާ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.
ރިލްވާނު ވަގަށް ނެގިތާ މިއަދަށް ހަ އަހަރު ފުރުމާ ވެފައިވާއިރު މަރު ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި އޮތުމަކީ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ރިލްވާން އަދި ގޮތް ނޭންގޭ މަރުތަކާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދުމަށް ފަށާފައިވާ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުންދަނީ ރިލްވާންގެ އާއިލާގެ އެދުމާއި އެއްގޮތަށް ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރުމަށްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މަރުކޮމިޝަނުން ވަނީ ރިލްވާން ގެއްލުވާލި ހާދިސާއާއި ގުޅުންހުރި މައުލޫމާތު އެނގޭ އިތުުރު ބަޔަކުވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ އެ މައުލޫމާތުތައް ހިއްސާކުރުމުގެ ފުުރުސަތު އަދިވެސް އެބައޮތް ކަމަށް ބުނެފައެވެ.
"..އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އަރުވަން،" ކޮމިޝަނަށް މައުލޫމާތު ދޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަންދީ އެ ކޮމިޝަނުން ބުނެފައިވެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން މައްސަލައާ ގުޅޭ ތަހުގީގުގެ ބޮޑު ބައި ނިންމައި ޑްރާފްޓް ރިޕޯޓް އެކުލަވާލާފަ އެވެ. އަދި އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މީޑިއާއަށް އާންމުކޮށް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ.
ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާއިރު އާއިލާއިން މިއަދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިލްވާންގެ އާއިލާއިން ބުނީ އިންސާފު ނުލިބުނަސް މި ސަރުކާރު ވެރިއަކަށް އައީ ރިލްވާންއާއި ޔާމީންގެ ނަން ބޭނުން ކޮށްގެން ކަމަށެވެ.
"އެ ކުދިންގެ [ޔާމީން ރަޝީދު އަދި ރިލްވާން އަބްދުﷲ] ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ" ރިލްވާންގެ ދައްތަ ޝެހެނާޒް މިއަދު ވިދާޅުވިއެވެ.