މަރުތައް ތަހުގީގު ކުރާ ކޮމިޝަން

"ރިލްވާންގެ ކަރު ބުރިކޮށް މަރާލީ ގިނަ ބަޔަކު ބައިވެރިވެގެން"

Dec 15, 2022
1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ކަރު ބުރިކޮށްލައި މަރާލީ ގިނަ ބަޔަކު ބައިވެރިވެގެން ކަމުގައި މަރު ކޮމިޝަނުން ބުނެފި އެވެ.

މަރު ކޮމިޝަނުން ރައީސް ސޯލިހަށް މިއަދު އެރުވި ރިލްވާންގެ މަރުގެ ރިޕޯޓްގައި ބުނެފައިވަނީ ރިލްވާން މަރާލީ ދުރާލައި ރާވައިގެން އެތައް ބަޔަކު ބައިވެރިވެގެން ކަމަށެވެ. މި މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުންނާއި މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ އިސް މީހުން ހިމެނޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ރިލްވާން މަރާލީ މީގެ އަށް އަހަރު ކުރިން އޮގަސްޓް 7، 2014 ގައެވެ. ރިލްވާންގެ މަރުގެ މައްސަލައިގައި އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ވައުދު ފުއްދުމުގެ ގޮތުން ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަން -- ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސަށް އެރުވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

މަރު ކޮމިޝަނުން ބުނެފައިވަނީ ރިލްވާން ގެއްލުނު ރޭ އޭނާ ފެރީގައި މާލެ އިން ހުޅުމާލެއަށް ދިއުމުން ރިލްވާން އުޅޭ ގެ ކައިރިން ގަދަކަމުން އޭނާ އެރުވީ ރަތް ކުލައިގެ ކާރަކަށް ކަމަށެވެ. ކާރު ރަޖިސްޓްރީ ކޮށްފައިވަނީ މިމައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ އެކަކު ކަމަށް ހ. ހިލްޓަން އަޒްލީފް ރައޫފްގެ ނަމުގައި ކަމަށް ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ރިލްވާނަށް މާލެ އިން ފެށިގެން ހުޅުމާލޭގައި ގަދަކަމުން ކާރަށް އެރުވުމާ ހަމައަށް ބަޔަކު ފާރަލާފައިވެ އެވެ. ކާރަށް އަރުވައިގެން ރިލްވާން ގެންދިޔައީ ހުޅުމާލެ ފަޅުގައި އޮތް ޑިންގީ އަކަށް ކަމަށާއި އޭގެފަހުން އޭނާ އެރުވީ ކަންނެލި ދޯންޏަކަށް ކަމުގައި ރިޕޯޓްގައިވެ އެވެ.

"އަހްމަދު ރިލްވާން އަބްދުﷲ [ދޯންޏަށް] އެރުވުމަށްފަހު އޭނާއަށް ކަލިމަ ލައިދީ ކަރު ބުރިކޮށް މަރާލުމަށްފަހު ވަނީ ކަނޑުފައްތާފައި،" ކޮމިޝަންގެ ނިންމުމުގައިވެ އެވެ.

މަރު ކޮމިޝަނުން ބުނާ ގޮތުގައި ރިލްވާން ފުރަތަމަ އެރުވި ކާރަކީ މާލޭގައި އާންމުކޮށް ދުއްވަމުން ދިޔަ ކާރެކެވެ. އަދި ކަންނެލި ދޯންޏަކީ އަތޮޅު ތެރޭގައި ދުއްވަމުން ދިޔަ ދޯންޏެކެވެ. މި ދެ އުޅަނދު ހުޅުމާލެއަށް ގެނައީ ސީދާ ރިލްވާން މަރާލުމުގެ މަސައްކަތަށް ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރިލްވާން މަރާލި ދޯނީގައި ތިބި މީހުންގެ ތެރެއިން ހަ މީހަކު ރާއްޖެ އިން ބޭރަށް ފަހުން ދަތުރުކޮށް ސީރިއާގައި ހިނގަމުންދާ ދަހިލީ ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެ މީހުން މަރުވި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ރަސްމީ އިދާރާ އަކުން އެކަން ކަށަވަރުވެފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

މަރު ކޮމިޝަނުން ބުނި ގޮތުގައި ރިލްވާން މަރާލުމުގެ މާކުރިން އޭނާ މިނިވަން ނޫހުގައި ލިޔަމުން ދިޔަ ލިޔުންތަކަކާ ގުޅިގެންނާއި "މޮޔަމީހާ"ގެ ނަމުގައި ގެންގުޅުނު ޓްވިޓާ އައިޑީއަކުން ރިލްވާން ފާޅުކުރަމުން ދިޔަ ހިޔާލުތަކާ ގުޅިގެން އޭނާ މަރާލުމުގެ ނިޔަތުގައި ބަޔަކު ރިލްވާން ހޯދާފައިވާ ކަމަށެވެ.

މިކަންކަން ފުލުހުންގެ އޭރުގެ އިންޓެލިޖެންސަށާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށްވެސް އެނގޭ ކަމަށް ކޮމިޝަނުން ބުނެ އެެވެ. ނަމަވެސް އެކަން ހުއްޓުވަން ފިޔަވަޅު އެޅުމުގެ ބަދަލުގައި ގޭންގްތަކަށް ބާރު ލިބޭ ގޮތަށް އަމަލުކުރުމުގެ ސަބަބުން އެފަދަ މީހުންގެ ބާރު ގަދަވެ ރިލްވާން މަރާލީ ކަމަށް ބުނެފައިވެ އެވެ.