އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގު ކުރިއަށްދާއިރު މިދިޔަ އަހަރު ނިމުމުގެ ކުރިން އެ މަރާ ގުޅޭ ތަފްސީލް ރިޕޯޓެއް ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް އެ ރިޕޯޓް ނުލިބި އަހަރު ނިމިއްޖެ އެވެ.
މަރު ކޮމިޝަނުން 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނޫސްވެރިންނާ ބައްދަލު ކުރުމަށް ފަހު ރިލްވާންގެ މައްސަލައިގެ ތަހުގީގް ދެ އަހަރު ތެރޭ ނިމޭނެކަމަށް ބުނި ނަމަވެސް ވެރިކަމުގެ ތިން އަހަރު ނިމިގެން ދިޔައިރު މައްސަލައިގެ މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޕޭން ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ ރިލްވާންގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް އެ ވާހަކަފުޅު ދެއްކެވީ އޭރު ބޯމަތިވެފައި އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީއަށް ވާދަ ކުރެއްވި ބައެއް ކެންޑިޑޭޓުން ރިލްވާންގެ ހާދިސާއަށް އިންސާފު ލިބުން ލަސްވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރުމުންނެވެ.
ރައީސް އެރޭ ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުތައް ދޭތެރެ ދޭތެރެއިން ރިލްވާންގެ އާއިލާއަށް ހިއްސާ ކުރާ ކަމަށެވެ. އަދި ބޭރުގެ އެކްސްޕާޓެއް ރާއްޖެ ގެނެސް ތަހުގީގު އިތުރަށް ފުޅާކޮށްފައިވާ ކަމަށާ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދަން ބޭރަށް ބައެއް ތަކެތި ފޮނުވައިގެން ތަހުލީލު ކުރަމުން ގެންދާ ކަމަށެވެ.
ކޮމިޝަނަށް ގެނައި އެކްސްޕާޓާއެކު މަސައްކަތް ކުރަން ފެށި ފަހުން އެ ކޮމިޝަނުން ވަނީ މުޅި ތަހުގީގު ފުރިހަމަކޮށް މަރާ ގުޅޭ ތަފްސީލް ރިޕޯޓް މިދިޔަ އަހަރުގެ ނިޔަލަށް އެކުލަވައިލަން ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެކްސްޕާޓުންގެ ލަފަޔާއެކު މިއަހަރު ނިމުމުގެ ކުރިން ރިލްވާންގެ މަރާ ގުޅޭ ތަފްސީލް ރިޕޯޓެއް ލިބޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް އަހަރު ނިމުނުއިރުވެސް ރިލްވާންގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި އެ ވިދާޅުވާ ތަފްސީލީ ރިޕޯޓްގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައެއް ނުވެއެވެ. ރިޔާސީ ކޮމިޝަނުންވެސް އެދެވޭ އެއްވެސް މައުލޫމާތެއް ހާމައެއްކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
ރިލްވާންގެ މައްސަލައާއެކު އެހެނިހެން މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި މަރު ކޮމިޝަންގެ ހަބަރެއް ނުވެ ދުވަސްގަނޑެއް ވަންދެން އޮތުމަށް ފަހު ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ރިލްވާންގެ ތަހުގީގްއާ ގުޅޭ އަޕްޑޭޓެއް ދީފައެވެ. އެ ކޮމިޝަނުން އެ ދުވަހު ބުނީ ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ހެއްކަކީ އޭނާއަށް ބިރުދައްކަން ގެންގުޅުނު ވަޅި ކަމަށާއި އެ ވަޅީގެ އިތުރު ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އޭގެ ފަހުން އެ ކޮމިޝަނުން ވަނީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް އާންމުކޮށްފައެވެ.
އެވީޑިއޯ އަކީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާކުރެވޭ ކަންކަމާއި ކުރިންވެސް އާންމުކޮށްފައިވާ ހަގީގީ މަންޒަރުތައް ހިމެނޭ ވީޑިއޯއެކެވެ.
އެވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ. އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަގުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިޔޯގައި ދައްކަ އެވެ.
ވީޑިއޯގައި ބުނެފައި ވަނީ ރިލްވާނަށް ގެއަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ އޭނާ ގެއްލުނު ރޭ 1:45 ކަންހާއިރު ކަމަށެވެ. އޭރު އޭނާގެ ފްލެޓް ކައިރީގައި ރަތް ކާރެއް މަޑުކޮށްފައި އޮންނަ ކަމަށް ވީޑިއޯގައި ބުނެ އެވެ. ފްލެޓް ކައިރިއަށް ރިލްވާނަށް ދެވުމާއިއެކު ގަދަކަމުން އޭނާ ކާރަށް އަރުވާކަން ސިފަކޮށް މަންޒަރު ވީޑިއޯ އިން ދައްކައެވެ. ކާރަށް އޭނާ އެރުވި ވަގުތު އެކަން ކުރި މީހުންގެ އަތުން ވަޅިއެއް ވެއްޓުނު މަންޒަރު ސިފަކޮށްދޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ކޮމިޝަނުން ވީޑިއޯގައި ބުނެފައި ވަނީ ރިލްވާން ގެއްލުނު ރޭގައި އެ މަންޒަރު ފެނުނު ނުވަތަ އެ ކަމުގެ މައުލޫމާތު ދެވޭނެ މީހުން މުޖްތަމައުގެ ތެރޭގައި އަދިވެސް އުޅޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
ރިލްވާންގެ މައްސަލައަށް އިންސާފު ހޯދާ ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފެއްދެވި ނަމަވެސް ކޮމިޝަނަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވާތީ ސަރުކާރާއި ކޮމިޝަނަށްވެސް ފާޑުކިޔުން ބޮޑެވެ. މިދިޔަ ތިން އަހަރުތެރޭ އެ ކޮމިޝަނަށް 5.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އެ ކޮމިޝަނަށް އެކަށީގެންވާ މަަސައްކަތްތަކެއް ކުރެވިފައިނުވާއިރު ކޮމިޝަނަށް ފުރަތަމަ އައްޔަން ކުރި މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.