ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރިލްވާންގެ މައްސަލަ؛ ޖަމީލުގެ މުހިންމު ސުވާލުތަކެއް؟

ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރުކުރުމަށް ނިންމި ނިންމުމާއި އަދި ރިލްވާންގެ މަރާއި ރަައީސް ޔާމީނާއި ގުޅުވާ ދެކެވޭ ވާހަކަތަކާއި ގުޅިގެން އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، މުހިންމު ސުވާލުތަކެއް އަމާޒު ކުރައްވައިފި އެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މާދަމާ ވަގުތެއްގައެވެ. މިއަދު އެމަނިކުފާނު ވަނީ ތަހުގީގަކަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އަދި ދެ ދައުވާއެއްގެ ޝަރީއަތަށް އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އެކަމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތައް ފޮރުވުމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ގެންދަނީ އިންސާފު ލިބެން ޖެހެނީ ހަމައެކަނި ރައީސް ޔާމީނަށްތޯ ސުވާލު ކުރަމުންނެވެ. އަދި ރިލްވާންގެ މައްސަލާގައި ޔާމީން ހާޒިރުކުރަނީ އެ މަރަށް އިންސާފު ހޯދުމަށް ކުރާ މަަސައްކަތެއްގެ ގޮތުން ކަމަށް ދެއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލް ވަނީ ރައީސް ސޯލިހުގެ ރިޔާސީ ކެންޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރިލްވާން އަބްދުﷲ އަށް އިންސާފު ހޯދައިދެވުނީތޯ ސުވާލު އުފައްދަވާފައެވެ. އަދި ސިޔާސީ ތަހުގީގު ހިންގުމާއި ޕްރޮޮޕެގެންޑާ ލިޔުންތަކުން ރިލްވާން އާއިލާއަށް ތަސައްލީ އެއް ލިބެނީތޯވެސް ސުވާލު ކުރެއްވިއެވެ.

"ރިލްވާން މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ދައުވާ އުފުލުނު މީހުން ރައީސް ސޯލިހުގެ ކައިރީގައި ނެތްތޯ، އަދި 24 ގަޑިއިރު ކުރަން ވައުދުވި ކަންތަކަށް ތިން އަހަރާއި ކައިރިނުވޭތޯ، ނާގާބިލުކަމުގެ ރަންވަނަ ރައީސް ސޯލިހަށް ލިބިއްޖެ،" ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިލްވާން ގެއްލިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައާ ރައީސް ޔާމީނާއި ގުޅުން އޮތް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ވަަރަށް ސާފުކޮށް ބުނެފަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ކޮމިޝަނަށް ރަައީސް ޔާމީން ހާޒިރުވާން އެންގީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓްގައި ދެ ދައުވާއެއްގެ ޝަރީއަތް ފެށުމާއި ދިމާކޮށެވެ.

ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވަނީ ރީއެނެކްޓްމެންޓް ވީޑިއޯއެކެވެ. ވީޑިއޯ އަކީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާކުރެވޭ ކަންކަމާއި ކުރިންވެސް އާންމުކޮށްފައިވާ ހަގީގީ މަންޒަރުތައް ހިމެނޭ ވީޑިއޯއެކެވެ.

އެވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ. އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަގުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިޔޯގައި ދައްކަ އެވެ.

ވީޑިއޯގައި ބުނެފައި ވަނީ ރިލްވާނަށް ގެއަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ އޭނާ ގެއްލުނު ރޭ 1:45 ކަންހާއިރު ކަމަށެވެ. އޭރު އޭނާގެ ފްލެޓް ކައިރީގައި ރަތް ކާރެއް މަޑުކޮށްފައި އޮންނަ ކަމަށް ވީޑިއޯގައި ބުނެ އެވެ. ފްލެޓް ކައިރިއަށް ރިލްވާނަށް ދެވުމާއިއެކު ގަދަކަމުން އޭނާ ކާރަށް އަރުވާކަން ސިފަކޮށް މަންޒަރު ވީޑިއޯ އިން ދައްކައެވެ. ކާރަށް އޭނާ އެރުވި ވަގުތު އެކަން ކުރި މީހުންގެ އަތުން ވަޅިއެއް ވެއްޓުނު މަންޒަރު ސިފަކޮށްދޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

ކޮމިޝަނުން ވީޑިއޯގައި ބުނެފައި ވަނީ ރިލްވާން ގެއްލުނު ރޭގައި އެ މަންޒަރު ފެނުނު ނުވަތަ އެ ކަމުގެ މައުލޫމާތު ދެވޭނެ މީހުން މުޖްތަމައުގެ ތެރޭގައި އަދިވެސް އުޅޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދާ ދިނުމަށާއި ދައުލަތުން ގެއްލުނު ފައިސާތައް ހޯދުމަށް އުފެއްދެވި ދެ ކޮމިޝަނަށެވެ. ނަމަވެސް އެ ދެ ކޮމިޝަނަށް މިހާތަނަށް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ރައީސް ސޯލިހާއި ރިޔާސީ ކޮމިޝަންތަކަށް އަމާޒުވެފައިވެއެވެ. މަރުތަކަށް އިންސާފު ހޯދުމާއި ދަައުލަތުން ގެއްލުނު ފައިސާ ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ކެންޕެއިންގައި އެންމެ ކުރިއަށް ނެރުއްވި ވައުދުތަކެވެ.