ޑރ. މުހައްމަދު ޖަމީލް އަހުމަދު

"މިސްބާހަކީ އެކްޓިވިސްޓެއް، ވަކިކުރޭ"

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ މެންބަރުން ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް އެންގެވި ކަަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓް ކުރަމުންދާ ދިއުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. މިފަދަ ވާހަކަތަކެއް ފަތުރަން ފަށާފައި މިވަނީ ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ސުވާލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ މަރު ކޮމިޝަނަށް ހާޒިރުކޮށްފައި ވަނިކޮށެވެ.

ޖަމީލް ވިދާޅުވީ މަރު ކޮމިޝަން ފަދަ ސީރިއަސް މަސްއޫލިއްޔަތެއް ހަވާލުވެފައިވާ ތަނެއްގެ މެންބަރަކު ސިޔާސީ އެކްޓިވިސްޓެއް ގޮތަށް ހަރަކާތްތެރިވެގެން ނުވާނެ ކަމަށެވެ. ނަމަވެސް މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސްއަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އޭނާ އުޅުއްވަނީ އެމްޑީޕީގެ ޕްރޮޕެގެންޑާ ހަބަރުތައް ފެތުރުމުގައި ކަމަށެވެ.

"މިފަދަ މެންބަރުން ވަގުތުން ވަގުތަށް ވަކިކުރަންޖެހޭ،" ޖަމީލް ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް އެންގެވި ކަަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ފަތުރަމުންދާ ހަބަރާ ގުޅިގެން އުމަރު އަވަސް އަށް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ރިލްވާންގެ މައްސަލަ ނުބަލަން ނުވަތަ ހުއްޓާލުމަށްވެސް ރައީސް ޔާމީން އޭނާގެ ގާތުގައި ދުވަހަކުވެސް ވިދާޅުވެފައިނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"މިއީ ކަނޑައެޅިގެން 'އޯވާވެލްމް' ގެ މާނަ އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް،" ރިލްވާން ގެއްލުނުއިރު މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިލްވާންގެ މައްސަލާގައި އޭރުގައި ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ރިލްވާންގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކޮމިޝަނަށް ވެސް ހޯދިފައިވަނީ އޭރުގެ ހޯދުންތައް އެކަނި ކަމަށް މީގެ ކުރިން ވެސް އުމަރު ވިދާޅުވެފައިވެ އެވެ.

"ރިލްވާންގެ މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ވަނީ އޭރު ވެސް ކޮށްފަ، ނަމަވެސް [މި ސަރުކާރުން] ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއް ނުވި،" އުމަރު ވިދާޅުވި އެވެ.