ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޔާމީނަށް ކުރާ ތުހުމަތެއް ކޮމިޝަނަށް ބުނެނުދެވުނު: ޖަމީލް

ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ސުވާލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މަރު ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުވެސް ބުނެދެވިފައިނުވާ ކަަމަށް އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމިޝަނުން މިއަދު އަމަލުކުރި ގޮތާމެދުވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ކޮމިޝަންގެ ތަހުގީގަށް ހާޒިރުވެވަޑައިގަތުމުން ރައީސް ޔާމީނާއެކު ހުންނެވޭނީ ދެ ވަކީލުންނަށް ކަަމަށް އަންގާފައިވާ ކަމަށާ އެއީ ކޮން ގާނޫނެއްގެ ދަށުން ނިންމި ނިންމުމެއްތޯ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބެއް ނުދެއްވުނު ކަމަށެވެ. ޖަމީލް ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ވަކީލުންނަށް ތިބެވޭނެ އަދަދު ކަނޑައެޅިދާނެ ކަމަށާ ނަމަވެސް އެކަމަށް ހަަދަން ޖެހޭ ގަވާއިދު އޮތީ ކޮމިޝަނުން ނުހަދާ ކަމަށެވެ.

"އަޅުގަނޑުމެން އެ ސުވާލު ކުރުމުން ސުވާލަށް ޖަވާބު ނުދީ ވިދާޅުވަނީ އެއީ ތިމަންނާމެންގެ އަމިއްލަ ނިންމުމެކޭ ދެ ވަކީލުންނަށް ތިބެވޭނެ ކަމަށް ނިންމުމަކީ. އެކަން އެހެން ނުކުރެވޭނެ ކަމަށް ވިދާޅުވުމުން ދެން ވިދާޅުވީ ތިން ވަކީލުންނަށް ތިބެވޭނެ ކަމަށް. އަޅުގަނޑު ދެންނެވިން ގަވާއިދު ނުހަދާ އެފަދަ އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް. މިހާ ދެރަވަރު ހާލަތެއްގައި އެ ކޮމިޝަނަށް އޮތީ،" ކުރީން ޖަސްޓިސް މިނިސްޓަރު ކަމާއި އިސް ގާޒީކަން ކުރެއްވި ކުޅަދާނަ ވަކީލު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކޮށްފައިވަނީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ އަސާސީ ހައްގުތައް ހަނިކުރެއްވުމަށް ކަމަށެވެ. އެ ގޮތުން ވަކީލުންގެ ހައްގުން މަހުރޫމް ކުރުމަށް މަސައްކަތް ކުރެއްވިކަން ކަންބޮޑުވުމާއެކު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމިޝަނަށް ހާޒިރުކުރި ތުހުމަތުވެސް އެ ކޮމިޝަނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ސަރުކާރަށް ތާއީދު ކުރާ މީޑިއާތަކަށް ރައީސް ޔާމީނާއި ގުޅޭގޮތުން އެކި ސްޓޭޓްމަންޓްތައް ދެއްވާފައިވާ ބޭފުޅަކު ކޮމިޝަންގެ ތަހުގީގުގައި އިންނެވުމުން އެކަންވެސް ފާހަގަ ކުރެއްވި ކަމަށެވެ. ޖަމީލް އިޝާރާތް އެ ކުރައްވަނީ ކޮމިޝަންގެ މެންބަރު މިސްބާހަށެވެ.

އަދި ވިދާޅުވީ ކޮމިޝަނުން ގާނޫނާއި ހިލާފުވެއްޖެ ކަމަށާ ކޮމިޝަންގެ ހުރިހާ ތަހުގީގެއް ބާތިލު ކަމަށެވެ.

"ރައީސް ސޯލިހުގެ ގަރާރަކުން އަމިއްލައަށް މަރު ކޮމިޝަން ހަދައިގެން ތިން އަހަރުވީއިރު އިޖްރާއަތްތައް ފުރިހަމަނުކޮށް އިހުމާލުވީ މައްސަލާގައި ޒިންމާދާރުކުރުވުމަށް ގޮވާލަން. ކޮމިޝަން މިއީ ގާތް ބަޔަކަށް ޕްރޮމޯޝަން ދޭން ހެދިތަނެއްބާ. ގާނޫނޫ އަސާސީއާ ހިލާފުވުމުން ހިންގި ހުރިހާ ތަހުގީގެއް މިވީ ބާތިލް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިއަދުވެސް ވިދާޅުވީ މިހާރު ހިނގަމުންދާ ކަންކަމަކީ ރައީސް ޔާމީނަށް ބިރު ދެއްކުމަށް ސަރުކާރުން ރާއްވައިގެން ހިންގަމުންދާ ކަންކަން ކަމަށެވެ. އަދި އެކަންކަމުގައި މުއައްސަސާތައް އަވަދިނެތި އުޅެމުންދާ ދިއުމުން އެ ތަންތަނުގެ މިނިވަންކަން ގެއްލި ނުފޫޒު ފޯރުވާފައިވާ މިންވަރު ސާފުވާ ކަމަށެވެ.

"ހަގީގަތުގައި މި ކުރާހާވެސް ކަމަކީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން ބިރު ދައްކަނީ. އެއް ދުވަހު ކޯޓަށް، އަނެއް ދުވަހު ފުލަހަށް، އަނެއް ދުވަހު މަރު ކޮމިޝަނަށް. ކޮންމެ ދިމާއަކުން މި ފެންނަނީ ފެއިލްވެ ގޮތްހުސްވެފައި އޮތް މަންޒަރު. މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލާ ސިޔާސީކޮށްފައި އޮތް މިންވަރު. ނަމަވެސް ރައީސް ޔާމީން ފަހަތަށް ނުޖެއްސޭނެ. ސާބިތުވާނެ، ހިތްވަރު ގަދަވާނެ،" 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެންޕެއިން ވަރުގަދަކޮށް ކާމިޔާބަށް ވާސިލުކޮށް ދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްދެއްވި އެމަނިކުފާނުގެ ރަނިންމޭޓަށް ވެވަޑައިގެންނެވި ޖަމީލް ވިދާޅުވިއެވެ.