އަލީ އާޒިމް

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވީ ގަވާއިދާ ހިލާފަށް: އާޒިމް

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމުގެ ކުރިން ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުވާލެއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގެ މަސައްކަތް އެޖެންޑާކޮށް ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސަށް ހުޅުވާލުމުގެ ކުރިން އެ ޖަލްސާގެ މުހިއްމު ކަމަކާމެދު މެންބަރުން ބަހުސް ކުރުމަށް އެއް ގަޑިއިރުގެ ވަގުތެއް ހުޅުވާލައްވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް މެންބަރުން ދެކެވަޑައިގަންނަވާ ކަންކަން ރައްޔިތުންނަށް ހާމަ ކޮށްދޭން ވަރަށް މުހިއްމު، އެހެން ކަމުން އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެއް ގަޑިއިރުގެ ވަގުތުގެ ބަހުސެއް ހުޅުވާލާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދި އެމްޑީޕީގެ 29 މެންބަރަކު ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން ސޮއިކޮށް ރިޔާސަތަށް ހުށަހެޅުއްވި ސިޓީގައި އެ ސަބަބުތައް ސާފުކޮށް އޮންނާނެ ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައިގެ އަދަދަށްވާ މެންބަރުން ސޮއިކޮށް ހުށަހެޅުމުން ދައުރުން ބޭރު ޖަލްސާއެއް ބޭއްވޭނެ ކަމަށް ގަވާއިދުގައި އޮވެއެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން 29 މެންބަރުންނެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިއްޒަތްތެރި ރައީސަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ މެންބަރުން ހުށަހެޅުއްވި އެ ސިޓީގައި އޮތް ސަބަބުތައް. ދެން އެހެން އޮވެ، އަޅުގަނޑުމެން މި ތަނުގައި ތެދުވެ އަޅުގަނޑު ގަބޫލެއް ނުކުރަން އެއް ގަޑިއިރުގެ ވަގުތެއް މި ކަމުގައި ބަހުސް ކޮށް އަނެއްކާ ވެސް އެ ސަބަބުތައް އިއައްޒަތްތެރި ރައީސަށް ދަންނަވަން ޖެހޭނެ ކަމަކަށް." އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދާ ހިލާފަށް މިހާރު މި ކުރިއަށް ދަނީ، އެ ގޮތަށް އެ ކަމެއް ނުކުރެވޭނެ، ކުރެވިގެން ވެސް ނުވާނެ
އަލީ އާޒިމް | އެމްޑީޕީގެ ޕީޖީ ލީޑަރު

އާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ މިހާރު ކުރިއަށް ދަނީ ގަވާއިދުގައިވާ ގޮތުގެ މަތިން ނޫން ކަމަށާއި ގަވާއިދުގައި އޮންނަ ގޮތުން ބިލެއް ހުށަހެޅުމުން އަމަލު ކުރަން ޖެހޭނީ އެ ބިލެއްގެ ފުރަތަމަ ކިއުން އިއްވައި އެ ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން ކަމަށެވެ.

އާޒިމްގެ ވާހަކައަށް ރައްދު ދެއްވަމުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން ޖަލްސާ ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަހުސް ކުރަން އެންގެވީ އެޖެންޑާގައި ރިޔާސަތުން އަންގަން ބޭނުންވާ ކަންކަން އެންގުމުގެ މަސައްކަތުގެ ދަށުން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ފަހުން މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕާޓީތަކުގެ ބައެއް މެންބަރުންނާއި އަމިއްލަ ބައެއް މެންބަރުން ވެސް ވަނީ ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ސީދާ ބިލަށް ބަހުސް ކުރުމަށް ވަގުތު ހޭދަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން ޖަލްސާގެ މުހިއްމު ކަން އަންގަން ބޭނުންވާނަމަ އެ ކަން ހުށަހެޅުއްވި މެންބަރުންގެ ތެރެއިން މެންބަރަކު ތަފުސީލުކޮށް އެ ކަން ހާމަކުރެއްވުން ބުއްދިވެރިކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

ނަޝީދު ވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގެ މަތިން އެއް ގަޑިއިރު ވަންދެން ޖަލްސާގެ މުހިއްމު ކަމުގެ މައްޗަށް ބަހުސް ކުރައްވަން މެންބަރުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އެއް ގަޑިއިރު ހަމަވަން ދެން މެންބަރުން އެ ކަމަށް ބަހުސް ކުރެއްވި އެވެ. އެއް ގަޑިއިރުގެ ވަގުތު ހަމަވުމުން ނަޝީދު ވަނީ ބިލުގެ ފުރަތަމަ ކިއުން އިއްވައިފަ އެވެ. އެއަށްފަހު މިއަދުގެ ޖަލްސާ ނިންމެވި އެވެ.