ރައީސް މުހައްމަދު ނަޝީދު

ރިޔާސީ ދެ ކޮމިޝަން އުވާލަން ޖެހޭ: ނަޝީދު

މަރުތައް ތަހުގީގު ކުރުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަންގެ ބޭނުމެއް ނުފެންނަ ކަމަށާއި އެ ދެ ކޮމިޝަން ވެސް އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ނިމުމުން، ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ދެ ކޮމިޝަން ވެސް އުފެއްދީ މަރުތަކަށް އިންސާފު ދިނުމަށާއި ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދަން ކަމަށެވެ.

އެހެން ނަމަވެސް ރިޔާސީ ކޮމިޝަންތަކުގެ ގާނޫނެއް މަޖިލީހުން ވުޖޫދުކޮށް ދެ ކޮމިޝަނަށް ވެސް ގާނޫނުން ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ކުރައްވަން ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ކޮމިޝަންތައް ނުވަތަ ގާނޫނު އުވާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު އެހާ ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭނުމެއް ނުހިފޭ ކޮމިޝަންތަކަކާއެކު ބޭކާރު ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. މި ކަމުގައި ގޮތެއް ނިންމަވާނީ މަޖިލީހުގެ މެންބަރުން ކަމަށް ވެސް ވިދާޅުވި އެވެ.

"މެންބަރުންގެ ކުރިމަތީގައި އޮތީ މި ކަމުގައި ގޮތެއް ނިންމެވުން. އަޅުގަނޑަކަށް ނުފެނޭ އެ ކޮމިޝަންތަކަކީ މިހާރު ބޭނުމެއް އޮތް ކޮމިޝަންތަކެއް ކަމަށް، އެ ކޮމިޝަންތައް އުވާލަން ޖެހޭ ކަމަށް. ބޭކާރު ބޭނުމެއް ނެތް ހަރަދުތަކެއް، މި ހާއްސަކޮށް މި ކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަން އުވާލަން ޖެހިއްޖެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު، މީގެ ކުރިން ވެސް ނަޝީދު ވަނީ ކޮމިޝަންތަކަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ކޮމިޝަނުން އެ ކަން ދޮގު ކުރެ އެވެ.

އެނގިފައިވާ ގޮތުގައި ކޮމިޝަންތަކުގެ މަސައްކަތާ ގުޅޭ ގޮތުން ރައީސް ސޯލިހް އާއި ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެ ގޮތުން ނަޝީދު ބޭނުންފުޅު ވަނީ މިހާރު ތަހުގީގު ގޮސްފައިވާ ހިސާބުން ބައެއްގެ މައްޗަަށް ދައުވާ ކުރުމަށެވެ. ރައީސް ސޯލިހް ބޭނުންފުޅު ވަނީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާތައް ކުރިޔަށް ގެންދާށެވެ.