ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަސަން ލަތީފް

ކޮމިޝަންތަކަށް ދަތިވާނަމަ މަޖިލީހަށް އަންގަން ގޮވާލައިފި

މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް އެ މައްސަލަތައް ބެލުމުގައި ދަތިތަކެއް އުޅޭނަމަ ރައްޔިތުންގެ މަޖިލީހަށް އެ ކަން އަންގަން އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށް ވާތީ ސަރުކާރަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ ރިޕޯޓުގައި އެންމެ މުހިއްމު ކަމަކަށް އޮތީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނާއި ކޮރަޕްޝަން ބަލާ ކޮމިޝަންގެ މަސައްކަތްތައް މި ހާލަތުގައި ވެސް އަވަސް ކުރުން ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދާން ޖެހިފައިވާ "ނިއު ނޯމަލް" ގައި އަމަލު ކުރަން ޖެހޭ އިރުޝާދުތަކާ އެއް ގޮތަށް ކޮމިޝަންތަކުގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެ ގޮތުން ކޮރަޕްޝަން ބަލާ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އަވަސް ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވި އެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު ކޮށްދެއްވަންވީ ކަމަކީ އެމަނިކުފާނުގެ ކޮމިޝަންތަކަށް ދަތިތަކެއް ހުރި ވާނަމަ އަދި އެކަންކަމަކީ މަޖިލީހަށް ކޮށްދެވެން ހުރި ކަމެއްވާނަމަ މަޖިލީހަށް އެންގުމަށެވެ. އެ މައްސަލަތައް ބެލުމަށް ޓަކައި ރައީސްއަށް މަޖިލީހުން ކޮށްނުދޭނެ ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް ކޮށްދެއްވަން ވީ ކަމަކީ އެމަނިކުފާނުގެ ކޮމިޝަންތަކަށް ދަތިތައް ހުރި ކަމަށް ވަންޏާ އެ ކަންކަމަކީ މި މަޖިލީހުން ކޮށްދެވެން ހުރި ކަންކަމަށް ވަންޏާ އަޅުގަނޑުމެން ކައިރި ވިދާޅުވެ ދެއްވަވަންވީ.،" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މުއައްސަސާތަކުގައި މި މައްސަލަތައް ބަލަން ހުރަސް އަޅާ ބަޔަކު ތިބިނަމަ އެ ބަޔަކު މުއައްސަސާތަކުން ދުރުކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަތައް ބަލާނެ ބަޔަކާ އެ ކަން ކުރުމަށް ހަވާލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަމުގައި ވެސް މަޖިލީހުގެ އެހީތެެރިކަމަށް ބޭނުންވާނަމަ ސަރުކާރުން އަންގަން ގޮވާލެއްވި އެވެ.