ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މި ހާލަތުގައި ގާނޫނު އަސާސީ ބަދަލު ކުރެވޭނެ ކަމާ މެދު ސުވާލު އުފައްްދައިފި

މިހާރު ރާއްޖޭގައި އިއުލާން ކޮށްފައި މި ވަނީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހަލާތެއް ކަމާ މެދުގައާއި މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތީ އެފަދަ ހާލަތެއް ކަމާ މެދު އަދި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމާ މެދު ސުވާލުތަކެއް އުފެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު މިހާރު ރާއްޖޭގައި އިއުލާން ކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތެކެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ބަހުސް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ގާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނައިބު ބިލު ފޮނުވާފައިވާއިރު ގާނޫނު އަސާސީގައި އެބަ ބުނޭ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް. އަދި އެބަ ބުނޭ އެއީ ދިމާވާ ހާލަތެއް ކަމަށް. މިހާކު އިއުލާން ކުރިއަސް އަދި ނުކުރިއަސް. އެކަމު މިހާރު މި އޮތީ އާންމު ސިއްހަތު ރައްކާތެރި ކަމުގެ ގާނޫނަށް ކަމަށް ބުނެވިދާނެ. އެ ގާނޫނުގެ ދަށުން މިހާރު ހިނގަމުންދާ ކަންކަން މި ހިނގަނީ ވެސް" ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ކަމުގައި މަޖިލީހުގެ މެންބަރުން ފެނިވަޑައިގަންނަވާ ގޮތަށް ހާމަ ކުރެއްވުމަށް އެ މައުޟޫއަށް ބަހުސް ކުރެއްވުމަށް ފުރުސަތު ހުޅުވާލުމަށެވެ. އެ ފުރުސަތުގައި ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ހިޔާލު ވެސް ތަފާތެވެ. އެ ގޮތުން، މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވިއިރު، އެމްޑީޕީގެ ބައެއް މެންބަރުން އެ ކަމާ ދެކޮޅު ހެއްދެވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ގާނޫނު އަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާއިރު އޭރު އޮތް ހާލަތުގައި އޮންނައިރު ގާނޫނު އަސާސީ އިސްލާހު ކުރެވެން ނޯންނަ ކަމަށެވެ. މި ހާލަތުގައި ވެސް ކާފިއު އެބަ ހިންގާ ކަމަށާއި އެންގުންތަކާ ހިލާފުވާ މީހުން ހައްޔަރު ކުރަމުން ވެސް ގެންދާ ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވެން ނޯންނަ ކަމަށެވެ.

އެކަމަކު އެ ވިސްނުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގައި އިއުލާންކޮށްފައި ވަނީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. އެއީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކުރި ހާލަތެއް ކަމަށެވެ.

"މިހާރު މި އޮތީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާން ކޮށްފައިވާ ހާލަތު. މި ހާލަތަކީ ގާނޫނީ އިމުގެ ތެރެއިން އިއުލާން ކޮށްފައިވާ އިއުލާން ކުރުމެއް. އަދި މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމާ މެދު އަޅުގަނޑު ގަބޫލެއް ނުކުރަން." ހިސާން ހުސައިން ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ވަނީ ހިސާންގެ ވާހަކައަށް ތާއީދު ކުރައްވައިފަ އެވެ. އަދި މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހިސާންއާ އެއް ގޮތަށް އޭނާ ވެސް އިޝާރާތް ކުރައްވަނީ މިހާރު އިއުލާން ކޮށްފައިވާ ހާލަތަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތަށް އިއުލާން ކޮށްފައިވާ ހާލަތަކަށް ނުވުން ކަމަށެވެ.

އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް މިހާރު މި އޮތް ހާލަތަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ފަދަ ކުއްލި ހާލަތެއްގައި ކަމަށެވެ.

މި ހާލަތުގައި ގާނޫނު އަސާސީގައި "އަތް ލުމަކީ" ކުރަން ހެޔޮވާނެ ވަރުގެ" ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ވާނެ ކަމެއް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި ވެސް އާންމުކޮށް ކަން ކުރާ އުސޫލުން ކަންކަން ނުކުރެވޭ ކަމަށެވެ. މަޖިލީހުގެ ޖަލްސާ ވެސް ކުރިއަށް ގެންދަން ޖެހިފައި މި އޮތީ އެހެން ހާލަތެއްގައި ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާން ކުރަން އޮންނަ މާއްދާގައި މައްސަލަތަކެއް އެބަ އުޅޭ ކަމަށެވެ. ނަމަވެސް ސުވާލު އުފައްދައިގެން މި އުޅެނީ ގާނޫނާ ހިލާފަށް ކަމެއް ކުރިތޯ ނޫން ކަމަށާއި މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ކަމަށެވެ.

މިހާރު މި އޮތީ ގާނޫނު އަސާސީ ބަޔާން ކުރާ ހާލަތެއް ނޫން ކަމަށް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް މި އޮތީ ބަލިމަޑުކަމެއް ފެތުރި ކުއްލި ހާލަތެއް ކަމަށެވެ. އެކަމަކު މި ހާލަތުގައި އިންތިހާބު ފަސް ކުރުމަށް ޓަކައި ގާނޫނު އަސާސީ އިސްލާހު ކުރަން މަޖުބޫރުވާނަމަ އެ ކަމެއް ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.