ދިވެހިރާއްޖެ ތަރައްގީ ކުރެވޭވަރުގެ އެއްވެސް ވިސްނުމެއް ސަރުކާރު ހިންގުމުގައި މިހާރު އޮތް އެމްޑީޕީ ގައި ނެތް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ ދާ އަޅައިގެން ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މިދިއަ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅި ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް ނިންމާ އެމްޑީޕީގެ ސުޕަމެޖޯރިޓީން އެ ގަރާރު ބޭރުކޮށްލުމާއި ގުޅިގެނެވެ.
މަޖިލީހުގައި ސައީދު އެކަމާ އޭނާގެ ވާހަކަ ގުޅުވަލައްވައި ވިދާޅުވީ އެ ގަރާރު ބަލައިިގަންނަން ފެހި ފިތަށް ފިތާލަން ކެރިވަޑައިނުގަތީ އެ ގަރާރުގައި އިންޑިއާގެ ވާހަކަ އާއި އެ ގައުމުގެ ނަން އޮތުމުން ކަމަަށެވެ. ނަމަވެސް މާދަމާ ވެސް ހަމަ އެ ގަރާރުން އިންޑިއާގެ ނަން އުނިކޮށްފައި ހުށައަޅައިފިނަމަަ ގަރާރު ބަލައިގަންނަން އެމްޑީޕީގެ މެންބަރުން ވޯޓް ދެއްވާނެ ކަމަށެވެ.
ރާއްޖެ ތަރައްގީ ކުރެވޭނީ ރާއްޖެއަށް އިހުތިރާމު ކުރާ ބަޔަކަށް ކަމަށާ ރާއްޖެ ތަރައްގީ ކުރެވޭވަރުގެ ވިސްނުމެއް އެމްޑީޕީގައި އަދި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.
"އެމްޑީޕީގެ ވިސްނުމެއް ނެތް މިރާއްޖެ ތަރައްގީ ކުރެވޭނެ ވަރުގެ. ގަބޫލު ކުރައްވާ މިކަން! ރާއްޖެ ތަރައްގީ ކުރަން، ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދޭން، މަސްވެރިންނަށް ރަނގަޅު ގޮތެއް ހަދައިދޭން، ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅު ކުރަން އޮތްހާ ވެސް ހައްލަކީ ޕްރޮގްރެސިވް ޗޮއިސެއް... މި ސްޓޭޓްގެ ކަންތައްތައް ހައްލު ކުރެވޭނީ މި ސްޓޭޓަށް އިހުތިރާމް ކުރާ ބަޔަކަށް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އުތުރުތިލަފަޅުގެ މައްސަލާގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު އެކަމަުގައި ސެކިއުރިޓީ މައްސަލައެއް އޮތްކަން ނުވަތަ ނޫންތޯ އެނގޭނީ ވެސް އެކަން ބެލުމުން ކަމަށާ ނަމަވެސް އެކަން ކޮށްލާނެ ހިތްވަރެއް އަދި ގާބިލްކަން ވެސް އެމްޑީޕީގައި ނެތް ކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ނަމަަވެސް ސުޕަމެޖޯރިޓީ އޮތީ ދެ ރައީސުންގެ މެދުގައި ތާށިވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ދިވެހި މަހަށް ހަމަ އަގު ނުލިބި އަދި ޔޫރަޕަށް ބޮޑު އަގުގައި މަސް ބޭރުކުރަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށާ އެއީ އެމްޑީޕީން ކުރި ވިޔާނުދާ ކަންތައްތަކެއްގެ ނަތީޖާ ކަމަށެވެ.
"ޔޫޕަރަށް ދިވެހި މަސްވެރިން އެކްސްޕޯޓްކުރާ މަހަށް ޓެރިފް އަޅަން، ޓެރިފް އަގު ބޮޑު ކުރަން މަޖުބޫރުވީ އެމްޑީޕީ މަގުމަތީ ތިބެގެން ކުރި މުޒާހަރާއާ ޔޫރަޕުގައި ތިބެގެން ވިސްނަދިން ނުބައި ވިސްނުމަކުން. އެ ދުވަސްވަރު ޓޫރިޒަމް ބޮއިކުރަން ކުރަން ގޮވީ. މި ވާހަކަ ދޮގެއް ނުކުރެވޭނެ،"
އިދިކޮޅުގައި ތިބެ ގައުމާ ރައްޔިތުންނާ ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން ދެ އަހަރުވީއިރު ވެސް ދިވެހި މަހަށް ޔޫރަޕްގައި ބޮޑު އަގު ލިބޭނެ ގޮތް ހަދައިދެވިފައި ނުވާ ކަމަށާ މި ދައުރުން ބާކީ އޮތް ބައިގައިވެސް އެކަން އެމްޑީޕީ ސަރުކާރަށް ކޮށްނުދެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"ގިނަ ރައްޔިތުން ގަބޫލުކުރަނީ އެމްޑީޕީ ރަނގަޅީ މަގުމަތީގައި އޮންނަންށޭ،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވި އެވެ.