މުހައްމަދު ސައީދު

"ރާއްޖޭން ފެންނަނީ ފަހަތަށް ދިއުން، ލަންކާއިން ފެންނަނީ ކުރިއެރުން"

Dec 18, 2020
1

ސްރީލަންކާ އާއި ރާއްޖޭގެ މަސްރަހުން މިވަގުތު ފެންނަ ތަފާތަކީ ގައުމެއް ކުރިޔަށް ގެންދިއުމުގެ ވިސްނުމާއި ބަދަލު ހިފުން ނޫން ވިސްނުމެއް ނެތި ފަހަތަށް ހިނގާ ވެރިންގެ ތަފާތު ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި މޭރުމުން އޭނާ ވާހަކަފުޅު ދެއްވީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާނުވި، ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމާ ހަމައަށް ހިނގައިދިިޔަ 65 އަހަރުގެ މުއްދަތުގެ ތެރޭ ދައުލަތުގެ މުއައްސަސާތަކާއި އިސް ވެރިން އިންސާނީ ހައްގާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގި ކަމަށް ބުނާ ކަންކަން ތަހުގީގު ކުރަން ރާއްޖެއިން އިންތިގާލީ އިންސާފުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސްކޮށް ތަސްދީގު ކުރުމާއި ދެކުނު އޭޝިޔާގެ ޓޫރިޒަމް ވަށައިގެެން އެނބުރޭ ނާރެހަށް ބަދަލުވާންދާ ކޮލަމްބޯ ޕޯޓް ސިޓީ / ފައިނޭންޝަލް ސިޓީގައި ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ބިނާ ކުރަން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ލަންކާއިން ސޮއި ކުރުމާ ވަރުން އަޅުވައި ދެއްވަމުންނެވެ.

އެންމެ އުތުރުގެ ތުރާކުނަށް ނިސްބަތްވެ ވަޑައިގަންނަވާ ސައީދަކީ ކުރީން ރާއްޖެގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވެވި ބޭފުޅެކެވެ.

ސައީދު ވިދާޅުވީ ދެކުނު އޭޝިއޭގެ "ވާދަވެރި ދެ އަވަށްޓެރިން" ގެ މެދުގައި އިއްޔެ އަކީ ތާރީހީ ދުވަހެއް ކަމަށާއި ދިވެހި ރާއްޖެއިން މާޒީ ހާވައި ބަދަލު ހިފާނެ ގާނޫނެއް ތަސްދީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރެއްވި އިރު ވާދަވެރިޔާ ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖްޕަކްސާ އިއްޔެ ބެއްލެވީ މާޒީ ހޭވުން ހަނދާން ނައްތާލައްވައި ކުރި އަރައިގެން ދިއުމަށް އެއް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގައުމުގެ ހަފޮޅުން އެތެރެ ކުރައްވަން ކަމަށެވެ.

އިއްޔެ ސްރީލަންކާ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޓެމްޕަލް ޓްރީގައި ބޭއްވި ރަސްމިއްުޔާތެއްގައި ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ބިނާ ކުރުމަށްޓަކައި އެއްބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. އެ ތާރީހީ ސޮއިކޮށްފައި ވަނީ ލަންކާ އޮރިކްސް ލީސިން ކޮމްޕެނީ (އެލްއޯއެލްސީ) ގެ އިންވެސްޓްމަން ގޮފި، ބްރައުން އިންވެސްޓްމަންޓާއި ޗައިނާ ހާބާ އިންޖިނޭރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އާ ދެމެދު އެވެ.

ސައީދު ވިދާޅުވީ ރާއްޖެއިން ކުރީގެ ރައީސް މުހައްމަދު އަމީނާ ހަމައިން މިކޮޅަށް ހުރި މައްސަލަތައް ބަލާނެ އޮފީހެއް ގާއިމުކޮށް ދައުލަތުގެ ދަރަނި ބޮޑު ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހަސަދަވެރި ކަމާއި ބަދަލު ހިފުމަށް ހޭދަ ކުރާން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ތަރައްގީއަށް ފުރަގަސްދީ ރައްޔިތުންގެ ޓެކްސް ފައިސާ ހަސަދަވެރި ކަމަށާއި ބަދަލު ހިފުމަށް ހުސް ކުރަމުންދާނެ ކަމަށާއި އެއަށް ކިޔާނީ އިންސާފު ނަމަ މި ސަރުކާރުގެ ވިސްނުމާއި ވަލުތެރޭގެ ގަނޫނާ ތަފާތެއް ނެތް ކަމަށެވެ.

އަވަށްޓެރި ގައުމުތައް ކުރިޔަށް ދާއިރު، އެ ގައުމުތަކުން މަރުވާ މީހުނާ ހަވާލުވާން އެމްޑީޕީގެ ސަރުކާރުން ގޮސް އަމިއްލައަށް އިސްވެ ބަސް ބުނާއިރު އެކައްޗެއް ވެސް ހިތަށް ނާރަނީތޯ ވެސް ސައީދު ސުވާ ކުރައްވަ އެވެ.

"ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރެއް ގާއިމު ކުރުން ގޯސް ކަމެއް ކަމަށް ބުނެ ހުއްޓުވީ އެމްޑީޕީގެ ވެރިން. އެއީ މަނީ ލޯންޑެރިން. ސްރީލަންކާ އިންޑިއާގައި ނަމަ އެކަން ވެސް ހަމަ އޯކޭ. ވަރަށް ޒަމާނީ އެމްޑީޕީ ލޮޖިކް!"

އަނެއްކޮޅުން ލަންކާގައި ބަނދަރުން ބޮޑު ބިޔަ ސަހަރެއް ހިއްކައި، ތަރައްގީކުރާ ކޮލަމްބޯ ޕޯޓް ސިޓީ ބިޔަ މަޝްރޫއު ފެށީ ރާޖަޕަކްސަގެ ރައީސް ކަމުގައި، 2014 ގަ އެވެ. ޕޯޓް ސީޓީ ޕްރޮޖެކްޓަކީ ދެކުނު އޭޝިއާ ފުރޮޅުމަކަށް ގެންދާނެ އުންމީދީ ފިޔަވައްސެކެވެ. މި ތަން ތަރައްގީ ކުރަނީ ދުބާއީ ޕާމް އައިލޭންޑާ ދާދި އެއްވިސްނުމެއްގައި ފައިނޭޝަންލް ސިޓީއެއްގެ ގޮތުގަ އެވެ.