ހަބަރު

ޝިޔާމަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ނަޝީދަށް ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމުގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާ ލިބިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ކަމުގައި ބައިވެރިވި މެންބަރުންނަށް ދައުވާ ކޮށްދޭން އެދިއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ޝިޔާމަށް އަނިޔާ ކުރަން އެންގެވި މަޖިލީހުގެ ރައީސް ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަށާފައިވާއިރު ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ ތަހުގީގަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއް ކަން ކަށަވަރު ކުރުމުގެ ގޮތުން ޕީޖީން އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބަލައިދިނުމަށް ވެސް އަދުރޭގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ހޯމަ ދުވަހުގެ ރޭގެ ޖަލްސާގެ ތެރެއިން ތަޅުމުގައި ހަމަނުޖެހުން ހިނގަން ފެށީ ރިޔާސަތުން ޝިޔާމްގެ ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވަން އޭނާ ދެކޮޅު ހައްދަވަން ފެށްޓެވި ހިސާބުންނެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ.

ޝިޔާމަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދުނުއިރު، އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާ އެވެ. އޭގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެހެން ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އިމްރާން އެހެން ވިދާޅުވުމުން، އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދު ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެފައި ވަނީ މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވަންނަން މިނިސްޓަރު ވިސްނަވައިގަން ނުވާނެ ކަމަށެވެ.

ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދިނުމުން އެ ކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ދަންވަރު ބޭއްވި އެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު މެންބަރުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. ކުރިއަށް އޮތް ޖަލްސާތަކުގައި ބައިވެރިވުމާ މެދު ވެސް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްއިން ބުނެފައިވެ އެވެ.