ރައްޔިތުންގެ މަޖިލިސް

ބިޑި އަޅުވާ އަނިޔާކުރި މައްސަލަ އައިޕީޔޫއަށް

އިއްޔެ އޮތް މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހައްޔަރުކޮށް ބިޑި އަޅުވާ އަނިޔާކުރި މައްސަލަ އިންޓަ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށައަޅަން ނިންމައިފި އެވެ.

ޣައްސާން އާއި މުހައްމަދު ސައީދު ހައްޔަރުކުރިއިރު އެ ދެ ބޭފުޅުންވެސް ތިއްބެވީ އިހުތިޖާޖުގެ ބައިވެރިންނާއެކު ބޮޑުތަކުރުފާނު މަގުގައި އިށީންދެ ގެންނެވެ. ސައީދު ހައްޔަރުކުރީ ކުރިމައްޗަށް ބިޑި އަޅުވާފައެވެ. އަދި ސައީދު އާއި ޣައްސާން ބަންދުގައި ބޭތިއްބުމަށް އަމުރު ހޯދަން ކޯޓަށް މިއަދު ހާޒިރުކުރީވެސް ބިޑި އަޅުވައިގެންނެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ދެންމެ ވިދާޅުވީ އެއްވެސް ކުށެއް ނެތި މެންބަރު މުހައްމަދު ސައީދު އާއި ޣައްސާން މައުމޫންގެ މައްސަލަ އަދި ހާއްސަކޮށް ބިޑި އަޅުވައިގެން އެ ދެ ބޭފުޅުންނަށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމެޓީ އާއި އައިޕީޔޫއަށް ހުށައަޅުއްވާނެ ކަމަށެވެ.

ޣައްސާން އާއި ސައީދު މިހާރު ވަނީ ދޫކޮށްލާފައެވެ.

އެ ދެ ބޭފުޅުންވެސް ދޫކޮށްލީ ބަންދާއިމެދު ގޮތް ނިންމަން ބަންދު މަޖިލީހަށް ހާޒިރުކުރުމުން ކޯޓުންނެވެ. މެންބަރު ސައީދު އާއި ޣައްސާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ. އެގޮތުން އެ ދެ ބޭފުޅުން މިހާރު ދިރިއުޅުއްވާ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯން ނަންބަރު ބަދަލުކޮށްފި ނަމަ އެކަން އެންގުމަށް ވަނީ ޝަރުތުކޮށްފައެވެ.

ފުލުހުން އިއްޔެ ބުނީ ޣައްސާން އާއި ސައީދު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.