މި ސަރުކާރުގެ ބަހަކާއި އަމަލާ ދިމާ ނުވާ ކަމަށާއި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަނީ ބާރުތައް އިތުރަށް ޖަމާކޮށް މަރުކަޒު ކުރާ ގޮތަށް ކަމަށް މަޖިލީހުުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލު ފަރުމާކޮށްފައި އޮތީ ބާރުތަކެއް މާލެއަށް އަނެއްކާ ވެސް ޖަމާވާނެ ގޮތަކަށް ކަމަށް ވިދާޅުވެ އެ ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ބިލު ދިފާއުކޮށް ބައެއް އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކަވައި އެއް މެންބަރު އަނެއް މެންބަރަށް ބަހުގެ ހަމަލާތައް ރައްދު ކުރެއްވި އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ފޮނުވާ ބިލުތަކާއި އެމްޑީޕީގެ ބައެއް މެންބަރުންގެ ވާހަކަތަކަށް ބަލާއިރު ރާއްޖޭގައި ކަންކަން ރެގިއުލޭޓް ކުރަން އޮތޯރިޓީތައް އެއް އޮތޯރިޓީއަކަށް ހެދުމުގެ ވިސްނުމެއް އެބަ އުޅޭ ކަމަށެވެ.
"ރާއްޖޭގައި މިހާރު ވެސް ޓެލެކޮމް އޮތޯރިޓީއާއި އެނާޖީ އޮތޯރިޓީއާއި މި ނޫން ވެސް ގިނަ އޮތޯރިޓީތައް އެބައޮތް. މިއީ ހަމަ މިފަދަ ހިދުމަތްތައް އެއީ ރަައްޔިތުންގެ މަސްލަހަތާ ވަރަށް ގުޅުން ހުރި ކަންކަން ކަމަށްވާތީ ކޮށްފައިވާ މަސައްކަތެއް، ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު މި ހުރިހާ އޮތޯރިޓީއެއް އެއް ރެގިއުލޭޓަރީ އޮތޯރިޓީއަކަށް އެއްކޮށްލުމުގެ ވިސްނުން އެބަ އޮތް،" އާދަމް ޝަރީފު ވިދާޅުވި އެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ދިމާވި މާލޭގެ ފެނުގެ ކާރިސާއަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެފަދަ ބޮޑު މައްސަލައެއް ދިމާވާއިރު ހުރިހާ އޮތޯރިޓީއެއް އެއްކޮލުމުން ދިމާވާނެ ގެއްލުންތަކެއް ހުންނާނެ ކަމަށެވެ. އެއީ އެއްވެސް ސަރުކާރަކަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރެގިއުލޭޓަރީ އޮތޯރިޓީތައް އެއްކޮށްލުމަކީ ހިދުމަތްތައް ލަސްވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ހުރިހާ އޮތޯރިޓީތަކެއް އެއްކުރާކަމަށްވާނަމަ އަނެއްކާ ވެސް ބާރުތައް ވަރަށް ބޮޑަށް މަރުކަޒު ކުރެވިގެންދާ ކަމަށެވެ. ދައުލަތުގެ ހިންގުން ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ދައްކާއިރު ސަރުކާރުން ފޮނުވާފައިވާ އެ ބިލު ވެސް އޮތީ ބާރުތައް މަރުކަޒުވާނެ ގޮތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ ލާމަރުކަޒީ އުސޫލުން ކަންކަން ކުރަން ވާހަކަ ދައްކާއިރުގައި އަނެއްކޮޅުން މި ހުރިހާ ބާރުތަކެއް އެއްކުރުމަށް މަސައްކަތް ކުރާ ތަން. މިހެން މިކަން ކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ. ބަހާއި އަމަލާ ދިމާނުވެ، މި ކަންކަން ހާސިލުވާ ތަނެއް ނުފެންނާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކައަކާއި ފޮނުވާ ބިލަކާއި އަދި ކުރާ މަސައްކަތާ ދެކޮޅު ނުޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު އޮތީ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރަށް ހުރަސްތައް ކުރިމަތިވެ ދަތިވާނެ ގޮތަކަށް ކަމަށެވެ.
މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި ސައީދު ވިދާޅުވީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު އޮތީ ބޮޑު ލޮޅުމެއްގެ ތެރޭގައި ކަމަށާއި އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ކުރާނެ ކަމަށެވެ.
މިފަދަ ހާލަތެއްގައި ސަރުކާރުން މަސައްކަތް ކުރަންވީ ވިޔަފާރިތައް އިތުރަށް ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ވިޔަފާރިތަކަށް އިތުރަށް އެހީތެރިކަން ދިނުމަށް ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމަކު ސަރުކާރަށް އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރެގިއުލޭޓަރީ ބިލްތައް ގެނެސް، ކަންކަން އިތުރަށް ރެގިއުލޭޓް ކޮށް ވިޔަފާރިތަކަށް ހުރަސް އަޅަން ބިލުތަކެއް، އެހެން ހެދީމަތޯ ދިވެހިރާއްޖޭގެ އިގްތިސާދަށް ހައްލެއް ލިބެނީ. މިއީ ވަޒީފާ އުފައްދަން ޖެހޭ ވަގުތު. މިއީ ވިޔަފާރިތަކަށް އެހީވެ ހިތްވަރުދީ ސަޕޯޓް ކުރަންވީ ގޮތް. މި ވަގުތު ރެގިއުލޭޓް ކުރުން މަޑުޖައްސާލަން ޖެހޭ. ކަންކަން ފަސޭހަ ކޮށްދޭން ޖެހޭ." ސައީދު ވިދާޅުވި އެވެ.