ފައްޔާޒް އިސްމާއީލް

މަޖިލިސް އިންތިހާބުގައި މަދުވެގެން 65 ގޮނޑި ނަގާނަން: ފައްޔާޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަދުވެގެން 65 ގޮނޑި ނަގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރާނީ ވީހާވެސް ގިނަ ގޮނޑި ކާމިޔާބުކުރުމަށް ކަމަށެވެ.

"ދެހާސް ނަވާރަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހާ އެއްވަރު ނޫނީ އެއަށްވުރެ ރަނގަޅު އަދަދެއް ކާމިޔާބު ކުރަން މަސައްކަތް ކުރާނީ،" ފައްޔާޒު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ހިތުހުރި ގޮތެއް ހަދާނެކަން މިވީ ދުވަސްކޮޅުގެ ތެރޭ އެނގިގެން ގޮސްފި ކަމަށެވެ.

އެހެންވެ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނުމަށް ފައްޔާޒް އިލްތިމާސް ކުރެއްވި އެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި ބޮޑެތި ދޮގުތައް ހެދިކަން ރައްޔިތުންނަށް އެނގޭ ކަމަށާއި ސަރުކާރާމެދު ރައްޔިތުން ކުރި އުންމީދު ގެއްލިފައިވާ ކަމާށެވެ.

ސަރުކާރުން ވައުދުތައް ބަދަލުކުރަމުންގެންދާ ކަމަށާއި ސަރުކާރުގެ ގާބިލުކަމާމެދު ރައްޔިތުންނަށް ޝައްކު އުފެދިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.