އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި އެއްވެސް ބޭފުޅަކު އިސްތިއުފާ ދިނުމަށް ވިސްނަވާފައި ނުވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބަށްފަހު ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވެފައި މިވަނީ އިންތިހާބުގެ ނަތީޖާއަށްފަހު ރޭ ފުރަތަމަ ފަހަރަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އިންތިހާބުގެ ނަތީޖާއަށްފަހު އާންމުންގެ އެތައް ބަޔަކު ގެންދަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒުގެ އިސްތިއުފާ އަށް ގޮވަމުންނެވެ. އެމްޑީޕީގެ ކުރިމަގު އުޖާލާކޮށް ޕާޓީ ވަރުގަދަ ކުރެވެން އޮތީ މިހާރުގެ ލީޑަޝިޕް އިސްތިއުފާ ދީގެން ކަމަށްވެސް ބައެއް އާންމުން ބުނެފައިވެ އެވެ.
މަޖިލިސް އިންތިހާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ދާއިރާ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ އެ ޕާޓީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އެކަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ފާސްކޮށްފަ އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީ ދެމިއޮތުމާއި އެ ޕާޓީ މިވަގުތު ނަގާ ކޮޅަށް ޖެހުމަކީ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މަސައްކަތް ކަމަށެވެ. އިންތިހާބެއްގައި އޮންނާނީ މޮޅުވުމާއި ބަލިވުން ކަމަށްވާތީ ލިބުނު ބައްޔާ އެކު ދެން އޮންނާނީ ޕާޓީ އަނެއްކާވެސް ނަގާ ކޮޅަށް ޖެހުން ކަމަށްވެސް ވިދާޅުވި އެވެ.
"އަންނަ އަހަރު އެބައޮތް އެމްޑީޕީގެ ކޮންގްރެސްވެސް. މިހާރު މިއޮތް ލީޑަޝިޕް އިސްތިއުފާ ދޭންޖެހޭ ނަމަ އޭރުން އެ ފުރުސަތުވެސް ފަހިވާނެ،" މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތެއް ނޫން ކަމަށް ހާމަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގެ ތިއްބެވި ބޭފުޅުންގެ އިސްތިއުފާ އަށް ބަޔަކު ގޮވި ނަމަވެސް އެ މީހުންގެ ތެރޭގައި އެމްޑީޕީގެ މީހުންނަށް ވުރެ ގިނައީ އެ ޕާޓީއާ ދެކޮޅު ވިސްނުމުގެ މީހުންނެވެ.