ފައްޔާޒް އިސްމާއީލް

ސަރުކާރަށް މެޖޯރިޓީ ދީފިނަމަ އަނިޔާވެރިވާނެ: ފައްޔާޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް އަނިޔާވެރިވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތުކުރައްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ 2013 އިން 2018ގައި ވެރިކަން ކުރި ޕީޕީއެމް ޕީއެންސީގެ ސަރުކާރަކީ އަނިޔާވެރި ވެރިކަމެއ ްކުރި ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އެގޮތުން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގައި އޭރުގައި އިސްކޮށް ތިބި ހުރިހާ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް ހުކުމް ކުރި ކަމަށާއި ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހިޔާލުފާޅުކުރުމަށް ހުރަސް އެޅި ކަމަށާއި ބައެއް ބައެއް ފަނޑިޔާރުން ޖަލަށްލައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފެނިގެން ދިޔަ އަނިޔާވެރި ސިފަތައް ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ފެންނަމުންދާ ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް މިވަގުތު އަނިޔާވެރިކަން އިސްކުރަން އުދަނގޫވެފައިވަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ. މިސަރުކާރަށް މިވީ މުއްދަތުގައި އިގްތިސާދު މެނޭޖުކުރަން ނޭނގިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ދަރަނި ދެއްކޭނޭ ކަމަށް ބުނެ ވެރިކަމަށް އައީ. އެކަމަކު މިއަދު ނާގާބިލު ކަމުގައި ރާއްޖޭގެ އިގުތިސޯދު ހީނަރުވެގެންދާ ތަން މިފެންނަނީ،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން ސަލާމަތާއި ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކުރަން ބޭނުންވާނަމަ އަދި ރާއްޖޭގެ ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓައި ހިފެހެއްޓުމަށް ބޭނުންވާނަމަ މަޖިލިސް އިންތިހާަބުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށެވެ. ދިވެހި ރައްޔިތުންނަށް މިފަހުން ލިބުނު ކޮންމެ ކުރިއެރުމަކީ އެމްޑީޕީގެ މަސައްކަތުން ލިބުނު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ޓެކްސް ނިޒާމު ގެނައުމާއި، ފްރީ ޑިގްރީ ތައާރަފްކުރުމާއި އާރްޓީއެލް ފެރީގެ ނިޒާމު ރަށްތައް ގުޅާލުމާއި، ކޮވިޑް 19ގެ ނުރައްކާތެރި ހާލަތުން ގައުމު ސަލާމަތްކޮށް އިގްތިސާދު ކޮޅަށް ޖެހުންވެސް ފާހަގަކުރެއްވި އެވެ.